ގުއަޓެމާލާގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް ހިޒް އެކްސެލަންސީ ސެސަރ ބަރނާޑޯ އަރޭވަލޯ ޑެ ލެއޯންއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
އިއްޔެ ހިނގި މި ހާދިސާގައި ގުއަޓެމާލާގެ ވެރިކަންކުރާ ގުއާޓެމާލާ ސިޓީގެ ރަށްބޭރު ހައިވޭ ބުރިޖުން ދަތުރު ކުރަމުން ދިޔަ ބަހެއް ވެއްޓި، 50 އަށްވުރެ ގިނަ މީހުން މަރުވެ، 20 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ރައީސް ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި މި ހިތާމަވެރި ހާދިސާގައި ދުނިޔެއާ ވަކިވެ ދިޔަ މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ގުއަޓެމާލާގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ގުއަޓެމާލާގައި ޤައުމީ ހިތާމައިގެ ތިން ދުވަސް އިޢުލާންކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މި ހާދިސާއަކީ ގުއަޓެމާލާގެ ތާރީޚުގައި ހިނގާފައިވާ އެންމެ ބޮޑެތި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ.









