މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީ ހޯދުން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނާއި އިސްވާރުންގެ ދައުރު ވަރަށް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ އަންހެނުންނާއި އަންހެން ކުދިންގެ ސައިންސް ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.
މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ސައިންސްގެ ދާއިރާއިން އަންހެނުން ކޮށްފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، އެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސައިންސްގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވައި، އީޖާދީ އަދި ވިސްނުންތެރި ގޮތެއްގައި މަސައްކަތްތެރިކަމުގެ ފަންނުތަކަށް އަންނަ ހަލުވި ކުރިއެރުމުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެއެވެ.
އެގޮތުން. ސްކޮލަރޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމްތަކާއި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް) ދާއިރާގެ ކޯސްތަކުން ފުރަތަމަ ޑިގްރީގެ ހިލޭ އެހީގެ ސަބަބުން މި ޕްރޮގްރާމްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއީ ތަޢުލީމީ ދާއިރާގައި މިންތީގެ ފަރަގު ކުޑަކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތަކަށް ވާސިލުވުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އަދި ވޮކޭޝަނަލް ލެބްތަކާއި ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް މެދުވެރިކޮށް، އަންހެނުންނަށް ތަޢުލީމާއި މަސައްކަތް އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މިންތީގެ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ރާއްޖޭގެ އަމާޒު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިއަދަކީ ސައިންސްގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިން ކުރާ މަސައްކަތަށް އިޙްތިރާމް ކުރުމަށާއި، ހުރިހާ ގޮތަކުންވެސް އަންހެނުން ބާރުވެރި ކުރުވުމަށް އިސްކަންދީ، މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް އަހުދު ކުރެވޭ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ޖެހޭ ކަމަށެވެ.
ރައީސް ވަނީ 2040 ވަނަ އަހަރާ ހަމައަށް ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ހެދުމުގެ އަމާޒު ހާސިލުކުރުމުގައި އަންހެނުންގެ ދައުރު މުހިންމުކަން ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ޑިޖިޓަލް އިޤްތިޞާދުގެ ހިއްސާ ޖީޑީޕީގެ 15 އިންސައްތައަށް އިތުރުކުރުމުގެ ލަނޑުދަނޑިއަށް ވާސިލުވުމުގައި އަންހެނުންގެ ބައިވެރިވުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކާއި، ޝާމިލު ސިޔާސަތުތަކުގެ ޒަރީޢާއިން ސިންދަފާތުކަމާއި ހުރިހާ އެންމެންގެ ޝާމިލުވުން އިތުރުކޮށް، އަންހެނުންނަށް ސައިންސްގެ ރޮނގުން ހަމަހަމަކަމާއެކު އިސްވެރިންގެ ގޮތުގައި ކުރިއެރުން ހޯދޭނެ މާޙައުލެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.









