އައްޑޫ ހިތަދޫގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ރޭ ދަންވަރު 1:35 ހާއިރު ހިތަދޫ މައިލޯ ދަނޑު ސަރަޙައްދުން ވެހިކަލެއްގައި ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް، އެ ސަރަޙައްދުގައި ތިބި ބަޔަކު ފިލަން މަސައްކަތްކުރި މަންޒަރު ފެނިފައިވާ ކަމަށެވެ.
އެ މީހުން ފިލަން މަސައްކަތްކުރި ސަބަބު އިތުރަށް ބެލުމުން މީހަކު ރަހީނުކޮށްފައިވާކަން އެނގުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބެލިބެލުމުން އެ ސަރަޙައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، އޭނާގެ ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރަހީނުކޮށްފައި އޮއްވާ ފެނުނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކޮށްފައި ވަނީ 15 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެކެވެ.
ނަމަވެސް އެމީހުންގެ ވަނަވަރު ފުލުހުން އަދި އާންމެއް ނުކުރެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.









