ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމަށް މެންބަރުންނަށް ލިބޭ ވަގުތު އިތުރުކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގެ ޤަވާޢިދަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
މިހާރު ޢަމަލުކުރަމުންދާ ޤަވާޢިދުގެ ދަށުން، ވަޒީރުންނާ ސުވާލުކުރުމަށް ނޯޓިސް ފޮނުވާ، ކުރާ ސުވާލަކަށް ވަޒީރަކު ދޭ ޖަވާބަކާ ގުޅިގެން ނުވަތަ ކުރެވުނު ސުވާލަކާ ގުޅިގެން އިތުރު ސުވާލު ކުރުމުގެ ފުރުޞަތު މެންބަރުންނަށް ލިބެއެވެ. މިގޮތުން، އިތުރު ސުވާލުކުރުމަށް ކޮންމެ މެންބަރަކަށް ލިބެނީ ގިނަވެގެން 45 ސިކުންތެވެ.
މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ މި ވަގުތު ގިނަވެގެން އެއް މިނެޓަށް އިތުރުކުރުމަށް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން، މިހާރު ޤަވާާޢިދުގައި ބަޔާންކޮށްފައިވާ ގޮތުން، މެންބަރަކު ވަޒީރަކާ ކުރާ ސުވާލަކީ ފަސް ފޮޅުވަތަށްވުރެ ދިގުނޫން އަދި ބައިތަކަށް ބައިކުރެވިފައިނުވާ އެއް ސުވާލަކަށް ވާންޖެހެއެވެ.
ނަމަވެސް، މެންބަރު މުހައްމަދު އިބްރާހިމްގެ އިސްލާހުގައި ވަނީ މި ޢަދަދު 10 ފޮޅުވަތަށް އިތުރުކުރުމަށް ހުށަހަޅުއްވާފައެވެ.
މި އިސްލާހާ މެދު މަޖިލީހުގައި މަޝްވަރާކުރެވި، ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ތާރީޚެއް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.









