ކެނެޑާ އަދި މިސްރަށް ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައެޅުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މަޖިލީހުގެ މަޝްވަރާއަށް ރައީސް ހުށަހަޅުއްވާފައިވަނީ ކެނެޑާ އަދި މިސްރަށް ރާއްޖެއިން ކަނޑައަޅާ ސަފީރުން އައްޔަންކުރެއްވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށެވެ. އެގޮތުން، ކެނެޑާގެ ސަފީރުކަމަށް މިހާރު އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަބްދުލްޣަފޫރު މުޙައްމަދު އަދި މިސްރުގެ ސަފީރުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަޙްމަދު ސަރީރު އައްޔަންކުރެއްވުމަށް ރައީސް ވަނީ ހުށަހަޅުއްވާފައެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން، ރާއްޖެއިން ބޭރު ޤައުމުތަކަށް ސަފީރުން ކަނޑައެޅުއްވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްފަހުގައެވެ. އެހެންކަމުން، މި މައްސަލައާމެދު ގޮތެއް ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.








