މައުމޫނަކީ ޑިމޮކްރަސީގެ ޙައްޤުވެރިޔާ، އެންދެރިމާގެއިން ލިބުނީ ތަރުބިއްޔަތު: ޤާސިމް

ހުސައިން އިސްމާއިލް | 128 ދުވަސް ކުރިން - 10 ފެބްރުއަރީ 2025 01:37
ޤާސިމް އިބްރާޙީމްގެ ހަޔާތުނާމާ ފޮތް ނެރުން: ޤާސިމް އިބްރާޙީމް (ކ)، ފޮތުގެ މުޞައްނިފް މުޙައްމަދު ޖަމީލް (މ) އަދި ޝަރަފުވެރި މެހުމާނު އިލްޔާސް އިބްރާޙީމް (ވ) / ފޮޓޯ: ކިއު ޓީމް.
ޤާސިމް އިބްރާޙީމްގެ ހަޔާތުނާމާ ފޮތް ނެރުން: ޤާސިމް އިބްރާޙީމް (ކ)، ފޮތުގެ މުޞައްނިފް މުޙައްމަދު ޖަމީލް (މ) އަދި ޝަރަފުވެރި މެހުމާނު އިލްޔާސް އިބްރާޙީމް (ވ) / ފޮޓޯ: ކިއު ޓީމް.
ޚުލާސާ

މިއަދު މިފެންނަނީ މައުމޫނުގެ އިޞްލާޙީ އެޖެންޑާގައި ހުރި ކަންތައް ކަމަށާއި، އެ ވެރިކަމުގައި ޖަލަށް ގެންދިޔުން އެއީ ބޭބެއަކު ދެއްވި ނަޞޭޙަތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ޤާސިމް ވިދާޅުވި.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ޙައްޤުވެރިޔާ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޤާސިމްގެ ބަޔޮގްރަފީ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނެވުނީ މައުމޫން ބޭނުންފުޅު ވެގެންނެވެ. "މައުމޫން ބޭނުންފުޅު ނުވި ނަމަ ދިވެހިރާއްޖެއަކަށް މިއަދު މި އޮތް ޑިމޮކްރަސީއެއް އަޅުގަނޑުމެންނަކަށް ނުގެނެވޭނެ. އެއީ ލާހިކު ކަމެއް ނޫން."މީގެ އިތުރުން ޤާސިމް އިތުރަށް ވިދާޅުވީ މައުމޫނަކީ ޑިކްޓޭޓަރެއް ނޫން ކަމަށާއި 2004 ގައި މައުމޫން އިޢުލާން ކުރެއްވި އިޞްލާޙީ އެޖެންޑާގައި ނެތް ކަމެއް މިއަދު ނުހިނގާ ކަމަށެވެ. 

ރައީސް މައުމޫނުގެ ވެރިކަމުގައި އެ ސަރުކާާރާއި ދެކޮޅަށް ތެދުވެ ޤައުމުގައި ހަމަނުޖެހުން ހިންގަން އުޅުނު ބަޔަކަށް ބައިޢަތު ހިފައި މާލެ ނާމާންކުރި ދުވަސްވަރު ޤާސިމް އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫ އަށް ގެންދެވުނެވެ.

އެކަމަށް ރިޢާޔަތްކޮށް ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ޖަލަށް ލެވުނީ "ބޭބެއަކު ނަސޭހަތް ދިނުމުގެ ގޮތުން" ދެއްވި ފިލާވަޅެއްގެ ގޮތުގައި ކަމަށެވެ.

ޤާސިމް އިބްރާހީމްގެ ބަޔޯގްރަފީ ނެރުއްވުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވަނީ އެމަނިކުފާނަށް ހެޔޮ ދުޢާ ކުރައްވައި ސާބަސް ދެއްވާފައެވެ.

ޤާސިމްގެ ހަޔާތުގެ ކުރީކޮޅުގެ ވާހަކަ ދައްކަވަމުން، އޭނާ ވަރަށް ކުޑައިރު މާލެ ވަޑައިގެން އެންމެ ފުރަތަމަ ދިރިއުޅުއްވީ މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބައްޕާފުޅުގެ ގެކޮޅު މ. އެންދެރިމާގޭގައި ކަމަށް ވިދާޅުވިއެވެ. އަދި އޭނާގެ ކުރިއެރުމުގެ އަސްލަކީ އެންދެރިމާގެއިން ލިބުނު ތަރުބިއްޔަތު ކަމަށް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް މި ލިބުނު ކުރިއެރުމެއް ލިބިފައި ވަނީ އަޅުގަނޑު މި ދާއިރާގެ ތެރޭގައި ހުރެގެން، ކޮންމެ ރޮނގަކުން ކަމަށް ވިޔަސް، އިގުތިސާދީ ރޮނގުން ކަމުގައި ވިޔަސް އިޖުތިމާއީ ރޮނގުން ކަމުގައި ވިޔަސް، އެއީ އަޅުގަނޑު އުޅެން ދިމާވި ގޭގެ ބޭބޭފުޅުންގެ އަޙްލާޤާއި ސުލޫކު އަދި އެ ބޭފުޅުން ކުރެއްވި މަސައްކަތް އަޅުގަނޑަށް ފެނިފައިވާތީވެ," ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމްގެ ބަޔޯގްރަފީ ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ: ކިއު ޓީމް.

ޤާސިމްގެ ބަޔޮގްރަފީ ނެރެދެއްވީ ކުރީގެ މިނިސްޓަރު އަދި ޤާސިމްގެ ބައްޕަ ނެތް ދުނިޔޭގައި ބައްޕައެއްގެ ގޮތުގައި ބައްލަވާ އިލްޔާސް އިބްރާހީމެވެ. މި ފޮތުގައި ޤާސިމްގެ ހަޔާތުގެ އެންމެ ތުއްޕުޅު އިރުން ފެށިގެން ބޮޑު ވިޔަފާރިވެރިއަކަށް ވުމާއި ހަމައަށް ހުރި ތަޖުރިބާތައް ހިމެނިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%