ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން މާވީ މަރްމާރާއަށް ޙަމަލާދިން ދުވަސްވަރު އެ ޙާދިސާގެ މަންޒަރުތައް ޓީވީން ފެނުނުއިރު ނިއުޔޯކުގެ ޓައިމްސް ސްކުއަރއަށް އެއްވެ ތިބި މީހުން ދިޔައީ މުޒާހަރާކުރަމުންނެވެ. އެ މުޒާހަރާގައި އެކި ޤައުމުތަކުގެ މުސްލިމުންނާއި އެމެރިކާ މީހުންނާއި އިސްރާއީލާއި ދެކޮޅު ޔަހޫދީން ވެސް ގިނަ ޢަދަދަކަށް ތިއްބާ ޓީވީން ފެނުނެވެ. 2010 ވަނަ އަހަރުގެ މާވީ މަރްމާރާ ޙާދިސާއަކީ ޣައްޒާ އަށް އިސްރާއީލުން 2007 އަށް ފަހު އެއްގަމާއި ވަޔާއި ކަނޑުމަގުން އެހީތައް ވެއްދުން މަނާކޮށްފައި ވަނިކޮށް އެ ހުރަސްތައް ނައްތައިލުމަށް އެންމެ ފުރަތަމަ ކުރި އަދި އެންމެ ބޮޑު މަސައްކަތެވެ.
ޣައްޒާގެ ފުރަބަންދު ފޫއަޅުވަން 2010 ގައި ތުރުކީގެ މާވީ މަރްމަރާ ދަތުރުކުރަނީ: މި ބޯޓާއި ޒަޔަނިސްޓުން ކުރިމަތިލީ ލޯންޗާއި ހެލިކޮޕްޓަރުގައި. / ފޮޓޯ: ބީބީސީ
އެއީ 31 މެއި 2010ގައެވެ. އެފަހަރު ބައިނަލްއަޤްވާމީ އެކްޓިވިސްޓުންތަކެއް އިންތިޒާމްކޮށްގެން ހަބޯޓުގައި ޣައްޒާގެ ހުރަސްތައް ނައްތައިލުމަށް ދިޔައިރު މިކަމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވީ ތުރުކީވިލާތުންނެވެ. މާވީ މަރްމަރާ އަކީ ތުރުކިޔޭއިން ދިޔަ ބޯތެވެ. އަދި އެއީ އެ ގާފިލާގައި ހިމެނޭ އެންމެ ބޮށު ބޯޓުވެސް މެއެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދިޔަ މި ބޯޓަށް އިސްރާއީލުން ކުރިމަތިލީ ލޯންޗުފަހަރާއި ހެލިކޮޕްޓަރުގައެވެ. އެފަހަރު އެ ބޯޓުގައި ތިބި 10 އެކްޓިވިސްޓުން ޝަހީދުވެ އެތައް ބަޔަކަށް އަނިޔާވިއެވެ. މީގެ ސަބަބުން އެމެރިކާގައި މުޒާހަރާތައް ކުރިއިރު އިސްރާއީލާއި ތުރުކިޔޭގެ ގުޅުން ގޯސްވެ، ޣައްޒާގައި ހިނގަމުންދާ ކަންކަމަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
މާވީ މަރްމަރާ ހާދިސާ ދައްކުވައިދޭ ކުރެހުމެއް.
އަޅުގަނޑާއި ދިމާވި ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތަކު ބުނީ، ފަލަސްޠީނު އެންމެންވެސް މާވީ މަރްމަރާ މާނަކުރަނީ އުޘްމާނީ ދައުލަތް ރޫޅިގެން ދިޔަ ފަހުން ތުރުކިޔޭއިން އެންމެ ފުރަތަމަވެސް އެމީހުންގެ ލޭއާއި ފުރާނަ ދިނީ ފަލަސްތީނަށްޓަކައި ކަމެވެ.
މާވީ މަރްމާރާ ޝަހީދުންގެ ހަނދާނުގައި ޣައްޒާ ބަނދަރުގައި މޮނިއުމަންޓެއް ވެސް ހަދާފައިވެއެވެ. ނޮވެމްބަރު 2023 ގައި އިސްރާއީލުން ޣައްޒާގެ އައްސޭރިފަށަށް ބޮން އެޅިއިރު އެންމެ ފުރަތަމަވެސް ބޮންއެޅި އެއް ތަނަކީ ހަމަ މި އާޘާރީ ބިނާއެވެ.
މާވީ މަރްމަރާއަށް ޣައްޒާ އާއި ހަމަޔަށް ނުދެވުނަސް، އޭގެ ފަނަރަ އަހަރު ފަހުން މިއަދު ޣައްޒާގެ ފުރަބަންދު މުގުރާލަން ނުވަތަ ޑޭންޖަރު ޒޯނަށް 44 ބޯޓު ވަދެފިއެވެ. ދުނިޔޭގެ އެތައް ޤައުމަކުން އެތައް ސަތޭކަ ބަޔަކު ގްލޯބަލް ޞުމޫދު ފްލޮޓިއްލާ އާއި ގުޅިއްޖެއެވެ.
ގްލޮބަލް ޞުމޫދު ފްލޮޓިއްލާގެ އުޅަނދުތައް ހުސްވި މަހު ޣައްޒާގެ ފުރަބަންދު ނައްތައިލުމަށް ދަތުރުކުރަނީ (ޚުލާޞާ: ސެޕްޓެންބަރ 2025)
އިސްރާއީލަށް މިހާރު ކުރިމަތިވެފައިވަނީ މުޅި ދުނިޔޭގެ ނުރުހުމެވެ. އެތައް ޤައުމެއްގައި އެހެރަ މުޒާހަރާތައް ކުރަނީއެވެ. ސިޔާސީ ގުޅުންތައް ކަނޑާލައި ޑިޕްލޮމެޓުން ވެސް ބޭރުކޮށްލީއެވެ.
ޒަޔަނިސްޓް ޔަހޫދީއަކަށް ވުމަކީ ބޮޑު ވަބާއެއް ކަހަލަ ވައިރަސްއެއް ގެންގުޅުމާއި ގާތްގަނޑަކަށް އެއްވަރުގެ ކަމެއް ކަމަށް ބެލެވޭ ދުވަސްތައް އަދި އަންނާނެއެވެ.. އިސްރާއީލުގެ މިހާރުގެ ޝައިޠާނީ ސަރުކާރަށް މި ކަން ދެނެގަތުމުގެ ޤާބިކްކަމެއް ނެތެވެ. އިސްރާއީލް ނިކަމެތިވާނެ ވަގުތު ޖެހެނީ ކަމަށް ވެސް ވެދާނެއެވެ. މިކަމުގެ އެންމެ ބޮޑު އެއް ނިޝާނަކީ ޞުމޫދު ފްލޮޓިއްލާއެވެ. މިކަން އަދި މިހިސާބަކުން ނިމޭނެހެނެއް ހިއެއް ނުވެއެވެ.
ބައެއް ސަބަބުތަކާއި ހުރެ ނަމަވެސް ބައެއް ފަހަރު ދައުލަތްތަކުން ކުރިއަށް ނުގެންދެވޭ ކަންތައްތައް، ޢާންމުން ނުކުމެ އެހެރަ ދަނީ ކުރަމުންނެވެ. ގިނަ ދައުލަތްތަކުން ޢާންމުން އެ ކުރަމުންދާ އަސި ހިންގަމުންދާ ދެކޮޅުވެރި ޢަމަލުތަކަށް ތަދައްޚުލް ނުވާކަން ވެސް ފާހަގަ ކުރެވެއެވެ. ހިތަށް އަރަނީ އިސްރާއީލުގެ ދިސަ ރާއްޖޭގައި އަންދާލައިފިނަމަ ޖަލު ޙުކުމެއް އަންނާނެތޯއެވެ؟
ތުރުކީވިލާތުގެ ރައްޔިތުން ކުރި މުޒާހަރާއެއްގައި ޒަޔަނިސްޓް އިސްރާއީލްގެ ދިދަ އަންދާލަނީ: ރާއްޖޭގައި ދިދަ އަންދައިލުމަކީ ނަފްރަތުގެ ޢަމަލެއް ކަމަށް “ބުނިކަމުގައި” ވިޔަސް އިސްރާއީލުގެ ދިދަ އަންދައިލުމަކީ އެއްބައިވަންތަކަން ކަމުގައި މާނަކުރާ މީހުން ރާއްޖޭގައި ގިނަކަން ފާހަގަކުރެވޭ.
ކޮންމެޔަކަސް، މިއަދު ބުނެވޭނީ އަލްޙަމްދުލިއްލާހިއެވެ. މުޅި ދުނިޔޭގައިވެސް ޒަޔަނިސްޓުންނާއި ދެކޮޅަށް އަދި އިސްރާއީލާއި ދެކޮޅަށް އެހެރަ ދަނީ ޙަރަކާތްތައް ހިންގަމުންނެވެ. މި ހުރިހާ ކަމެއްވެސް ކުރިއަށް ދަނީ ފިޔަވަޅަކުން ފިޔަވަޅަކަށެވެ. އިސްރާއީލަށް އިންވެސްޓްކުރާ ނުވަތަ އިސްރާއީލާއި ދުނިޔެ ގުޅުވާލާ ސަރުކާރުތަކުންވެސް މިހާރު ކައުންޓްޑައުން ފަށާފައި ވަނީ ހަމަ އެގޮތަށެވެ. ހިތާމަ އަކީ އަދިވެސް މި ސަރުކާރުތަކުގެ ތެރެއިން އިސްލާމީ ބައެއް ޤައުމުތަކުން ފިނޑިންހެން އުޅޭތީއެވެ. ޒަޔަނިސްޓުން ކުރިމަތީ އިސްދަށަށް ޖަހައިފިނަމަ އެ މީހުންގެ ފަރާތުން ދެން އަރާނެ ތޫފާނުން ސަލާމަތް ނުވެވޭނެކަން ވެރީންނަށް ނޭނގެނީހެއްޔެވެ ނުވަތަ ޖާހިލުކަމުން އެގޮތަށް އުޅެނީހެއްޔެވެ؟
ޒަޔަނިސްޓުންނަށް މިހާރު ލިބިފައި އެ އޮތް ބާރު ފުނޑައިލެވިދާނެއެވެ. ނަމަވެސް މިއީ އެންމެ ރެއަކުން ވާނެ ކަމެއް ނޫނެވެ. ރަނގަޅަށް ބަލައި މިހާރު ދުނިޔޭގައި އެ ހިނަގމުންދާ ކަންކަމަށް ލޯ ހުޅުވައިފި ނަމަ، މަންޒަރު ފެންނާނެކަން ދުވާލުގެ އިރު ފެންނަހާ ސާފެވެ. އެހެންކަމުން މިހިސާބުން އަދި ފަހަތަށް އެނބުރުމެއް ނެތެވެ. ރާއްޖެއިން މިކަމުގައި އުޅުނު ފަރާތްތަކުން ތިޔަ ކުރަމުންދާ ޖިހާދުގައި ބަރަކާތް ލައްވާނެތެވެ. ކުރިޔަށް ބާރަށް ހިނގާށެވެ!