ޞުލްޙައިގެ ޕްލޭނޭ ކިޔައި ޓްރަމްޕް ހުށަހެޅި ކަރުދާހަކީ ނަތަންޔާހޫ ދިން އެއްޗެއް…

ޢަބްދުﷲ ޖުނައިދު | 12 ދުވަސް ކުރިން - 4 އޮކްޓޯބަރު 2025 11:26
(ކވއަށް) ޓްރަމްޕް، ޓޯނީ ބްލެއާ އަދި ނަތަންޔާހޫ: ޓްރަމްޕް އެއްބަސްވި 20 ނުކުތާގެ ޕްލޭނަކީ ނަތަންޔާހޫ ވިއްކިއެއްޗެއް ކަމަށް ބެލެވޭއިރު،  އެ ޕްލޭނުގައި ޣައްޒާ ހިންގާނެ ވަގުތީ ސަރުކާރު ބަކަހައްޓާ ބޯޑުގެ ބޮސް އަކީ ދޮގުހަދައިގެން ޣިރާޤު ފުނޑައިލި ޓޯނީ ބްލެއާ.
(ކވއަށް) ޓްރަމްޕް، ޓޯނީ ބްލެއާ އަދި ނަތަންޔާހޫ: ޓްރަމްޕް އެއްބަސްވި 20 ނުކުތާގެ ޕްލޭނަކީ ނަތަންޔާހޫ ވިއްކިއެއްޗެއް ކަމަށް ބެލެވޭއިރު، އެ ޕްލޭނުގައި ޣައްޒާ ހިންގާނެ ވަގުތީ ސަރުކާރު ބަކަހައްޓާ ބޯޑުގެ ބޮސް އަކީ ދޮގުހަދައިގެން ޣިރާޤު ފުނޑައިލި ޓޯނީ ބްލެއާ.
ޚުލާސާ

ޙަމާސްއިން ހަތިޔާރުތައް ނައްތާލައި، ރަހީނުކޮށްފައިވާ ހުރިހާ މީހުން ސަލާމަތްކޮށް، އިސްރާއީލުން ޣައްޒާ ދޫކޮށްފައި ދާނެ ގޮތަކާއި އަދި އެކަމުގެ ޔަޤީންކަމެއް ވެސް އަދި ރޯޑްމެޕެއް ވެސް ޓްރަމްޕް

ނަސްލު ނައްތާލުމުގެ ޤާތިލު ނަތަންޔާހޫ އާއި ޓްރަމްޕްގެ ބައްދަލުކުރެއްވުމަށްފަހު އިޢުލާންކުރި ޞުލްޙައިގެ ޕްލޭން ކަމަށް ބުނާ މަކަރުވެރި ކަރުދާހާއި އެކު ޣައްޒާ އާއި މެދު އޮތް އުންމީދީ ވިސްނުމަށް މިހާރު މި ވަނީ މާޔޫސްކަމެއް އައިސްފައެވެ. ކޮންމެ އަގެއް ދައްކައިގެން ވިޔަސް އަދި ކޮންމެ ގޮތަކުން ވެސް ޓްރަމްޕް ބޭނުންވީ ހަނގުރާމަ ހުއްޓުވައިލަން ހެއްޔެވެ؟ ޙަޤީޤަތުގައި މިއީ މިހާ ވެސް ސާދާ ކަމެއް ހެއްޔެވެ؟ 

ޙަމާސްއިން ހަތިޔާރުތައް ނައްތާލައި، ރަހީނުކޮށްފައިވާ ހުރިހާ މީހުން ސަލާމަތްކޮށް، އިސްރާއީލުން ޣައްޒާ ދޫކޮށްފައި ދާނެ ގޮތަކާއި އަދި އެކަމުގެ ޔަޤީންކަމެއް ވެސް އަދި ރޯޑްމެޕެއް ވެސް ޓްރަމްޕް ދީފައެއް ނުވެއެވެ. އިސްރާއީލާއި ދެކޮޅަށް ޓްރަމްޕް މަސައްކަތެއް ނުކުރާނެއއވެ. އެއީ ނާދިރު ކަމެކެވެ. އޭނާ ކަމެއް ކުރާނަމަ ކުރާނީ އިސްރާއީލަށް އެންމެ ފައިދާވާ ގޮތަށެވެ. ސަބަބަކީ އިސްރާއީލަކީ މެދުއިރުމަތީގެ ކޮންޓްރޯލް އެމެރިކާއިން ނެގުމަށްޓަކައި ބޭނުންކުރާ ޓޫލެކެވެ. އެހެންކަމުން އިސްރާއީލާއި ދެކޮޅަށް ނުކުންނަ ކޮންމެ ބަޔަކު ހުއްޓުވުން އެއީ މީގެ އެތައް ސަތޭކަ އަހަރު ކުރިއްސުރެ އެމެރިކާއިން ގެންގުޅޭ ޕްލޭނެކެވެ.

ޓްރަމްޕުގެ ޕްރޮޕޯސަލަށް ޙަމާސް އިން ޖުމްލަ ގޮތެއްގައި އާނއެކޭ ބުނުމުން ދެން އެހިސާބުން ޙަމާސް އަށް އަދި ޣައްޒާއަށް ވާނެ ގޮތެއް ނޭނގޭއިރު އެއްވެސް ފައިދާއެއް ނުލިބޭ އެއްބަސްވުމުގެ ލިޔުމެއް ޙަމާސްއިން ޤަބޫލުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެހެނީ އެކަން ޤަބޫލު ނުކޮށްފިނަމަ، ޣައްޒާ ފުނޑުނީ ވެސް އަދި ކުރިޔަށް އޮތާނގައި ފުނޑާލާނީ ވެސް ޙަމާސްގެ ސަބަބުން ކަމަށް މުޅި ދުނިޔެއިން ލޭބަލް ކުރާނެއެވެ. ދުނިޔެ މިއަދު މި ހިންގަނީ މުސްލިމު ބާރުތަކުންނެއް ނޫނެވެ.

ކޮންމެޔަކަސް، ޓްރަމްޕް ހުށަހެޅީ ޙަޤީޤަތުގައި ޕްލޭންގެ ޚުލާސާއެވެ. ތަފްޞީލް އޮތީ ނަތަންޔާހޫ އާއި ޓްރަމްޕްގެ އިތުރުން އިނގިރޭސީވިލާތ8ގެ ގަނޑުވަރުގައެވެ. އަދި މިއީ ޢަރަބި އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި އެކު ނިއުޔޯކުގައި ބޭއްވި ސަމިޓުގައި ޓްރަމްޕާއި އެކު މަޝްވަރާކުރެވުނު ކަންކަމާއި ވަރަށް ތަފާތު އެއްބަސްވުމުގެ ލިޔުމެކެވެ. ފެންނަ ފެނުމުގައި މިއީ ހަމަ ފެށުނީއްސުރެ ނަތަންޔާހޫގެ ރޭވުމެކެވެ. ނަތަންޔާހޫ އާއި ޓްރަމްޕާއި ދެމެދު ވެވުނު އެއްބަސްވުމަކުން މިއީ ޞުލްޙައިގެ ޕްލޭނޭ ކިޔައި ސީދާ ނަތަންޔާހޫ ޓްރަމްޕަށް ވިއްކައިލި ލިޔުމެކެވެ.

މި ލިޔުމުގައި ވާގޮތުން ޙަމާސްގެ ހުރިހާ ހަތިޔާރު މުޅިން ޙަވާލުކުރަން ޖެހެއެވެ. އެހެންނޫންނަމަ އިސްރާއީލު ފަހަތަށް ނުޖެހޭނެ ކަމަށާއި ހަނގުރާމަ މުޅިން ނިމުމަކަށް ނާންނާނެ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން ޓްރާންސިޝަން މުއްދަތުގައި ޣައްޒާގައި ފަލަސްތީނުގެ އޮތޯރިޓީއެއްވެސް ނުހުންނާނެއެވެ. ފަލަސްޠީނުގެ މީހުންގެ ކިބައިން ޣައްޒާ ހިންގުން ނިގުޅައިގަނެ އެކަން ކުރާނީ ވައިޓް ހައުސްއިން ޣައްޔަނުކުރާ ހުޅަނގުގެ ތަޖުރިބާކާރު ކޮމިޓީއަކުންނެވެ. މި ކޮމެޓީގެ އިސްވެރިއަކަށް ހުންނާނީ ފަލަސްޠީނުގެ ބިމަށް ޔަހޫދީން އޮއްސައިލި އިނގިރޭސީވިލާތުގެ މީހެކެވެ. އާދެ ޓޯނީ ބްލެއާއެވެ. އެހެންކަމުން، މީގެ މާނައަކީ ޣައްޒާގެ މަދުވެގެން ދެގުނަ ހިފުން ކަމަށް ބެލެވެއެވެ.

މުޅި އިންސާނިއްޔަތު ފޮހެލާނެ ވަރުގެ ނުރައްކާތެރި ކެމިކަލް ހަތިޔާރު ޣިރާޤުގައި އެބަހުއްޓޭ ބުނެ ޞައްދާމްގެ ވެރިކަން ވައްޓައިލުމަށްފަހު ސަރަޙައްދީ ކޮންޓްރޯލް ހުޅަނގަށް ދަމައިގަތުމަށް ރޭވި ރޭވުމުގައި އެންމެ ދޮގު ހެދި “ދޮގު މެޝިން” ކަމަށްވާ އޭރުގެ އިނގިރޭސި ބޮޑުވަޒީރު ޓޯނީ ބްލެއާ ޣިރާޤުގައި- މުޅި ޣިރާޤް ސުންނާފަތިކޮށްލި އިރުވެސް އެ ބުނާ ޒާތުގެ ހަތިޔާރެއް ޣިރާޤަކު ނުވެސް ނެތް. ހުޅަނގުން ހެދީ ހުސް ދޮގުކަން މުޅި ދުނިޔެއަށް ބޭޒާރުވި (ފޮޓޯ:2003)

ޓްރަމްޕުގެ ކަރުދާހުގައިވާ ގޮތުން އޭނާގެ ހުށަހެޅުން ޙަމާސްއިން ޤަބޫލުކުރާތާ 48 ގަޑިއިރުތެރޭ ރަޙީނުން ދޫކޮށްލާއިރު، ޣައްޒާ ދޫކޮށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާނެއެވެ. މާނައަކީ ޣައްޒާގެ ބިމުން އެ މީހުން ހިޖުރަކޮށް އެހެން ޤައުމުތަކަށް ފޮނުވައިލަނީއެވެ. ޙަމާސް އިން މި ޝަރުތުތަކާއި ދެކޮޅު ހަދާނަމަ، (ޓްރަމްޕްގެ އެދުމުގެ މަތިން ޤަޠަރުގައި ތިބި ޙަމާސްގެ މީހުން ބޭރުކޮށްލައި)، އަދި އެ ޖަމާއަތުގެ ލީޑަރުން އަވަހާރަކޮށްލާނެއެވެ.

ދެން ފެންނާނެ މަންޒަރަކީ ޣައްޒާ ސިޓީގެ ބާކީ ހުރި ތަންތަން ތަޅާލައި، އިސްރާއީލުގެ ކޮންޓުރޯލުގެ ދަށުގައި މިހާރުވެސް ވީރާނާ ކޮށްލާފައިވާ ރަފާހާއި ބައިތު ހަނޫން ގޮތަށް ބަދަލުކޮށްލުމެވެ.

ޙަމާސްއިން ޓްރަމްޕުގެ ހުށަހެޅުމަށް ދެކޮޅު ހެދިނަމަ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ނަތަންޔާހޫއަށް ޓްރަމްޕްގެ ފަރާތުން އެ އޮތީ ފެހި ސިގްނަލް ލިބިފައެވެ. އެއާއި އެކު އިސްރާއީލަށް ޣައްޒާގެ ބާކީ އޮތް ބައި ހިފުމަށް އެކަށީގެންވާ ވަގުތު ލިބިގެންދާނެއެވެ. އަދި ޣައްޒާގައި ހިނގި ލޭއޮހޮރުވުމާއި ޤަތުލުއާންމުތަކުގެ ޒިންމާ ނަގަން ޖެހޭ ހަމައެކަނި ފަރާތަކީ ޙަމާސް ކަމުގައި ލޭބަލް ވެވިގެން ދާނެއެވެ.

ހަމަގައިމުވެސް ހުޅަނގާއި އިސްރާއީލުގެ ތާރީޚުގައި “ހަތިޔާރު ނައްތާލުމުގެ” ވަރަށް ވޭންދެނިވި ކަންތަކެއް ފެނިފައި އެބަހުއްޓެވެ. 1995 ވަނަ އަހަރުގެ ޖުލައި މަހު ބޮސްނިއާ އާއި ހަރްޒެގޮވިނާގެ ޕީސް އެގްރީމެންޓަަށްފަހު (ހަޒްގޮވީނާގެ މީހުން ހަތިޔާރު ދޫކޮށްލުމުން) ޝަހީދުކޮށްލި ޢަދަދެއް ހިސާބެއްވެސް ނޭނގެއެވެ. ގާތްގަނޑަކަށް 9،000 މުސްލިމް ފިރިހެނުން ޝަހީދުކޮށްލިއިރު މިދެންނެވި ހަތިޔާރުތައް ނައްތާލުމުގެ އެއްބަސްވުން ހެދީ އެމެރިކާ އިސްވެ އޮވެއެވެ.

ފަލަސްޠީނުވެސް 1982 ގައި މި ބޮނޑި ބޮއެފިއެވެ. އެއީ ފަލަސްޠީން ލިބަތޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ)ގެ ޔާސިރު ޢަރަފާތުގެ ދުވަސްވަރު ސަބްރާ އާއި ޝަތީލާ ޤަތުލުއާންމެވެ. މިކަން ވީ ގޮތަކީ އިސްރާއީލުން ލުބުނާނަށް އަރައިގަތުމާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި އެމެރިކާ، ފްރާންސް، އަދި އިޓަލީ ގުޅިގެން ހެދި އެއްބަސްވުމެއްގެ ދަށުން ޕީއެލްއޯގެ ސިފައިން ބެއިރޫތުން ނެރުމަށް މަޝްވަރާކޮށް އަދި ބައިރޫތުން ޕީއެލްއޯގެ ބާރު ކަނޑުވައި ހަތިޔާރުތައް ނައްތާލައި އެއަށްފަހު ޕީއެލްއޯގެ މީހުން ޓިއުނީޝިއާ އަދި ލުބުނާނުގެ އެހެން ހިސާބުތަކަށް ފޮނުވައިލީއެވެ. އެއާއި އެކު ދެން ފެނުނީ ޔަހޫދީންތައް ހަތިޔާރު ނެތް ބެއިރޫތަށް އަރައި ޤަތުލުޢާންމެއް ހިންގައި 3000އެއްހާ މީހުން ޝަހީދުކޮށްލި މަންޒަރެވެ.

މިއަދު މިއޮތީ ނަތަންޔާހޫގެ ޙަޤީޤަތް ފެންނާށެވެ. އޭނާ އަކީ ހަނގުރާމައިގެ ކުށްވެރިއެކެވެ. އިންސާނިއްޔަތާއި ދެކޮޅު ޖަރީމާ ހިންގައި މުޅި ދުނިޔޭގެ އެންމެންގެ ކުރިމަތީގައި ނަސްލު ނައްތާލާ މީހެކެވެ. ވެފައިވާ އެއްވެސް ވައުދެއް ފުއްދައި ނުދޭ މީހެކެވެ. އެއްވެސް އިތުބާރެއް ނެތް ވެރިއެއްގެ ނަން މިވަގުތު ކިޔާނަމަ ފުރަތަމަ ކިޔާނީ އޭނާގެ ނަމެވެ.

ދެން ހުރީ ޓޯނީ ބްލޭއާއެވެ. އޭނާ އަކީ ގިނަ ބަޔަކު މަރާލާ ނުރައްކާތެރި ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު ޣިރާޤުގައި އެބަހުއްޓޭ ބުނެ ދޮގު ހަދައި މުޅި ދުނިޔެއަށް އޮޅުވާލައި، ޣިރާޤުގެ މިލިއަނަކަށް ވުރެ ގިނަ މީހުން މަރާލައި، މުޅި ސަރަޙައްދު ހަލަބޮލިކަމުގެ ތެރެއަށް ވައްޓައިލި އެންމެ ބޮޑު ކުށްވެރިޔާ އެވެ.

މި އެންމެން ވެގެން ގުޅިގެން މިއަދު ކުރަމުންދާ މަސައްކަތަކީ ފަލަސްޠީނުގެ ބިން ފޭރިގަތުމެވެ. އިނާމެއްގެ ގޮތުން ޓްރަމްޕަށް ނޮބެލް ޞުލްޙައިގެ އެވޯޑް ދިނުމަށް މި މީސްމީހުން މަސައްކަތްކުރާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%