ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ވަގު އެކައުންޓެއް ހަދައިގެން ކްރިޕްޓޯ ކަރަންސީ ސްކޭމެއް ހިންގަން ފަށައިފިއެވެ.
އެ ވަގު އެކައުންޓުގައި ބޭނުންކުރަމުން އަންނަނީ ރައީސްގެ ނަންފުޅާއި އެމަނިކުފާނުގެ ފޮޓޯއެވެ.
އެ އެކައުންޓުގައި ބުނެފައިވަނީ ރާއްޖެއިން ކްރިޕްޓޯ ކަރަންސީ ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި އެއީ "ޑިޖިޓަލް ކަލްޗަރ" ގެ ދާއިރާގައި ރާއްޖެއިން އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށް ބުނެފައިވެއެވެ.
އެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އެކްސް އިން ދައުލަތުގެ ވެރިންނަށް ދޭ އަޅި ކުލައިގެ ވެރިފިކޭޝަން ބެޖުވެސް ސްކްރީންޝޮޓުތަކުން ފެންނަކަން ފާހަގަކުރެވެއެވެ.
އެކަމާ ގުޅޭ ގޮތުން ކްރިޕްޓޯ ކަރަންސީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ރައީސްގެ ނަންފުޅުގައި ހިންގަމުން އަންނަނީ ސްކޭމެއް ކަމަށް ބުނެފައެވެ. އަދި ރާއްޖެއިން ކްރިޕްޓޯ ކަރަންސީ ތައާރަފްކޮށްފައި ނުވާކަމަށް ވެސް ބުނެފައިވެއެވެ.
ކްރިޕްޓޯ ކަރަންސީން ވަނީ އެ ސްކޭމް އެކައުންޓާ މެދު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.









