ކުރިއަށް އޮތް ރަމަޟާން މަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރުމަށް ނިންމާފައިވާ މަސްދަޅު ކޭސްތައް ބަހަން ފަށައިފިއެވެ.
ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގެއަކަށް ހިލޭ މަސްދަޅު ކޭހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވިކަން އެމަނިކުފާނު އިޢުލާނު ކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނީ މަސްދަޅު ކޭސް ބަހަން ފެށީ ހދ އަތޮޅުން ކަމަށެވެ.
މިފްކޯއިން ބުނީ ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވަނީ 48 ދަޅުގެ މަސްކޭހެއް ކަމަށެވެ. އަދި އެއީ 82000 ގޭބިސީކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ހިލޭ ދިނުމަށް 46 މިލިއަން ރުފިޔާ ހޭދަވާނެއެވެ.
މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ ކަރަންޓް ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ. އަދި ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް 10 ކިލޯ ފުށާއި 10 ކިލޯ ހަނޑޫ ވަނީ ދީފައެވެ. މި ހަދިޔާ ދޫކޮށްފައިވަނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު، ބަލައި އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނޯޓު ކުރުމަށް ފަހުގައެވެ.









