މި އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން، 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބީއެމްއެލް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިކަމަށް އެދިވަޑައިގެންނެވިކަން ހާމަކުރެއްވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ 1446ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުންކަމުގައި ފާހަގަކުރައްވާފައިވެއެވެ.
މި މަހުގެ 6 ވަނަ ދުވަހު ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ޙައްޤުގައި ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ބޭރު ފައިސާއާބެހޭ ޤާނޫނެއް އެކުލަވާލައި ތަންފީޒުކުރައްވަން ފެއްޓެވުމަކީ މިކަމުގައި އެޅުއްވުނު އެންމެ މުހިންމު ފިޔަވަޅު ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވް އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފަށައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވިގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ ދެއްވާފައެވެ.









