ކްލިނިކަލް އެސިސްޓެންޓުންގެ ގޮތުގައި ދެ އަހަރު ދުވަހަށް ވޮލަންޓިއާ އިންޓާންޝިޕެއްގެ ދަށުން މަސައްކަތްކުރާނެ މީހުން ހޯދަން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު އިޢުލާންކޮށްފިއެވެ.
އެންޑީއޭ އިން ވޮލަންޓިއަރުންގެ ގޮތުގައި ހޯދަނީ 15 މީހުންނެވެ.
އެންޑީއޭ އިން ބުނީ ވޮލަންޓިއަރުން މަސައްކަތް ކުރަން ޖެހޭނީ އެ އިދާރާގެ މައި އޮފީހާއި ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި ހުޅުމާލޭގެ ހާފްވޭހައުސް އާއި ގދ. ތިނަދޫ ދަގެނާގަ އާއި ތިނަދޫ އާއި އައްޑޫ ހިތަދޫ އަދި ފުވައްމުލަކުގެ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ އިތުރުން އައްޑޫ ހުޅުދޫގައި ހުންނަ ވިލުނު ސެންޓަރުގައި ކަމަށެވެ.
ވޮލަންޓިއާ އިންޓާންޝިޕެއްގެ ދަށުން މަސައްކަތްކުރަން ޝައުގުވެރިވާ ކްލިނިކަލް އެސިސްޓުންނަށް އެޕްލައިކުރުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެކަމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އޯ ލެވެލް ނުވަތަ އޭ ލެވެލް ނިންމާފައިވުމެވެ.
އެންޑީއޭ އިން ބުނީ މީހުން ހޮވުމުގައި މި މަސައްކަތާ ގުޅޭ ދާއިރާގެ ޢަމަލީ ތަޖުރިބާ އާއި އިންޓަވިއުން އިން ހޯދާ ނަތީޖާ އާއި ދިވެހިބަހާއި އިނގިރޭސި ބަހުން މުއާމަލާތްކުރުމުގެ ހުނަރު ހުރި މިންވަރާއި ވާހަކަދެއްކުމުގެ ހުނަރަށް ވެސް ބަލާނެ ކަމަށެވެ.