ރާއްޖޭގެ އެކި ސަރަހައްދުތަކުން 178 މީހަކަށް މަސްތުވާތަކެތީގެ ފަރުވާ ދޭން ފަށައިފި ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވެއްޖެއެވެ.
ލުބުނާ ވިދާޅުވީ، މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އިސްލާހުކޮށް އަލުން އަނބުރާ މުޖުތަމަޢަށް ގެނައުމަށް އަމާޒު ހިފައިފި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ރިމާންޑް ސެންޓަރުތަކަށް ބަދަލުކޮށް، އޭގެތެރެއިން ގިނަ ބަޔަކަށް މިހާރު ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އަދި ފަރުވާ ނުފެށި ތިބި ފަރާތްތަކަކީ ކްރިމިނަލް ކޯޓުގައި އެ ފަރާތްތަކާއި ގުޅުންހުރި މައްސަލަތައް ހިނގަމުންދާތީ، ފަރުވާ ނުފެށި ތިބި މަދު ބައެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ލުބުނާ އިތުރަށް ވިދާޅުވި ގޮތުގައި ރިމާންޑަށް ގެންދެވޭ ފަރާތްތަކަށް ފަރުވާ ދިނުމުގައި އެންމެ އިސްކަމެއް ދެނީ ދިގު މުއްދަތުގެ ފަރުވާ ފޯރުކޮށްދީ، އެ ފަރާތްތައް އަނބުރާ މުޖުތަމަޢުއަށް އަހުލުވެރިކުރުވުމަށެވެ. މިއީ ސަރުކާރުގެ މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
މާލޭގެ މަގުތަކުގައި މަސްތުވެގެން އުޅޭ ފަރާތްތައް މަގުމަތިން ނަގައި ރިމާންޑް ސެންޓަރުތަކަށް ގެންގޮސް ފަރުވާދިނުމުގެ މަސައްކަތް ސަރުކާރުން ފެށީ އޮކްޓޯބަރު މަހުއެވެ. މި މަސައްކަތާއި ގުޅިގެން މަގުމަތީގައި މަސްތުގެ ހާލަތުގައި އުޅޭ ފަރާތްތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ސަރުކާރުން ދަނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކާއި ކައިރިން މަސްތުވާތަކެއްޗަށް ފަރުވާކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ގިނަ ރަށްތަކެއްގައި ރިމާންޑް ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގައި ރިމާންޑް ސެންޓަރުތައް ހުޅުވާފައިވާކަން ފާހަގަކުރެވެއެވެ.
މި މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.