ވިލިމާލޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި ހާއްސަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ހަތަރު ދިވެހި ފިރިހެނުންނެވެ. އެއީ:
- ޝާހިލް މުހައްމަދު (42އ)، ވ. ސިނަމާލެ 4 3-03 / މާލެ
- މުހައްމަދު ވިޝާލް (29އ)، ކޮންކީލިޔާ / ލ. ގަން، މަތިމަރަދޫ
- އިސްމާއީލް ޖުމައިޙު (35އ)، ގ. ފްލައިންގޓައިގަރ / މާލެ
- އަހްމަދު ޢަޒްމީލް (44އ)، ވ. ސިނަމާލެ 4 3-03 / މާލެ
ފުލުހުން ބުނި ގޮތުގައި، މި އޮޕަރޭޝަނުގެ ތެރެއިން މި ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.




