ޑްރަގް ބޭނުންކުރާ ކުދިންގެ ފަރުވާއަށް ފަންނީ އެހީ ދެނީ

އަހްމަދު އީޒާން | 17 ގަޑިއިރު ކުރިން - 21 މޭ 2025 21:57
ޑީޖޭޖޭ އާއި އެންޑީއޭއާ ދެމެދުގައި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އެންޑީއޭ
ޑީޖޭޖޭ އާއި އެންޑީއޭއާ ދެމެދުގައި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އެންޑީއޭ
ޚުލާސާ

މި އެއްބަސްވުމުގެ މަގުސަދަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވާ ކުދިންނާއި ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނަށް ބޭނުންވާ ހާއްސަ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ދޭ ފަރުވާއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ދެމެދުގައި އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހޯމް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑީޖޭޖޭއަށް ހުށަހެޅޭ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވާ ކުދިންނާއި ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނަށް ބޭނުންވާ ހާއްސަ ފަންނީ އެހީތެރިކަން އަވަސް ފުރުސަތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

އެ އެމްއޯޔޫގައި ޑީޖޭޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އަހުމަދު ސިއްދީގެވެ. އަދި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއާޕާސަން ލުބްނާ މުހައްމަދު ޒާހިރު ހުސައިނެވެ.

ކުޑަކުދިން މަސްތުވާތަކެތިން ރައްކާތެރިކުރުމަށް ޑީޖޭޖޭ އިން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި އެފަދަ ހަރަކާތްތަކުގައި ދެ އިދާރާ ގުޅިގެން މަސައްކަތްކުރުމަކީ ވެސް މި އެމްއޯޔޫގެ މަގުސަދެއް ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%