ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށެވެ. މިގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ނިންމަވާފައިވެއެވެ.
މީގެ އިތުރުން، ޝަރުޢީ ދާއިރާގެ އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް އެ ފަރާތްތަކުގައި އެދުމަށާއި، ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ވެސް ރައީސް މުޢިއްޒު ނިންމަވާފައިވެއެވެ. އަދި މިނިވަން މުއައްސަސާތަކުގެ އިސް ވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ވެސް ނިންމަވާފައިވާ ކަމަށް ސިޓީގައި ބަޔާންކޮށްފައި ވެއެވެ.
ރައީސްގެ ސިޓީގައި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ 12،000 ރުފިޔާއަށް ވުރެ މަތިން ލިބޭ މަގާމްތަކުގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމާއި މެދު މަޖިލީހަށް ހުށަހަޅައިދެއްވައި ގޮތެއް ނިންމުމަށް އެދިވަޑައިގެންފައި ވެއެވެ. އަދި ޝަރުޢީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށް މަޖިލީހުން ފެންނަ ނަމަ އެކަން ވެސް ހުށަހަޅައިދެއްވައި ގޮތެއް ނިންމުމަށް އެދިވަޑައިގެންފައި ވެއެވެ.
މި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހު، 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓާއި އެކުގައެވެ. އަދި ރައީސް ވަނީ އެމަނިކުފާނުގެ މުސާރައިގެ 50 އިންސައްތަ އުނިކުރައްވަން ވެސް ނިންމަވާފައެވެ.









