ތިން މިނިސްޓްރީއެއްގެ މަސައްކަތުގެ ދާއިރާއަށް ގެނެސްފައިވާ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގެ ކުރިން ދިރާސާކުރުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި މިނިސްޓްރީ އޮފް ހެލްތުގެ މެންޑޭޓަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް އެޑްރެސްކުރައްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީގައިވާ ގޮތުން، މި ދިރާސާ ކުރަނީ މި ތިން މިނިސްޓްރީއަށް ހަމަޖައްސާފައިވާ މަސައްކަތްތަކަށް ބަދަލުގެނެސް އެ މިނިސްޓްރީތަކުގެ މަސައްކަތު ދާއިރާތައް އަލުން އެކުލަވާލާފައިވާތީއެވެ.
ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތަކަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވީ ނަމަވެސް، އެ ބަދަލުތައް ވާންޖެހެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަދަލުތަކަކަށެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މި މައްސަލަ ދިރާސާކުރަން ފޮނުވާފައިވަނީ މަޖިލީހުގެ ޤަވާޢިދުގެ 121 ވަނަ މާއްދާގެ (ބ) ގެ ދަށުންނެވެ.
ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު ރިޕޯޓެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނެސްފައިވާ ބަދަލުތަކާމެދު މަޖިލީހުން ގޮތެއް ނިންމާނީ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު، އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.









