އޭސީސީގެ ނައިބު ރައީސްކަމަށް ނާޝިދު އައްޔަންކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި

އައިޝަތު ރުވާ ރިފްޢަތު | 252 ދުވަސް ކުރިން - 10 ފެބްރުއަރީ 2025 11:54
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަައްމަދު މުޢިއްޒު އަދި އަޙްމަދު ނާޝިދު. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަައްމަދު މުޢިއްޒު އަދި އަޙްމަދު ނާޝިދު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އޭސީސީގެ މެންބަރުކަމަށް ނާޝިދު އައްޔަންކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު. މިހާރު އޭސީސީގައި ތިއްބެވީ ޖުމްލަ ފަސް މެންބަރުން.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމަށް އެ ކޮމިޝަނުގެ މެންބަރު އަޙްމަދު ނާޝިދު އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ މަހުގައެވެ. މިއީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް މިދިޔަ އަހަރު ގެނެވުނު އިޞްލާޙާ އެއްގޮތަށް ކުރިއަށް ގެންދެވޭ ކަމެކެވެ. މި އިޞްލާޙުގެ ދަށުން، އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، އެ ދެ މަޤާމަށް ބޭފުޅުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންކަން ފާހަގަކުރެވެއެވެ.

މި މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، އޭސީސީގެ ނައިބު ރައީސްކަމަށް ނާޝިދު އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެއެވެ.

އޭސީސީގެ މެންބަރުކަމަށް ނާޝިދު އައްޔަންކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މިހާރު އޭސީސީގައި ތިއްބެވީ ޖުމްލަ ފަސް މެންބަރުންނެވެ. އެއީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލްގެ އިތުރުން، އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު، ޝަޒްނާ ހާޝިމް، އަޙްމަދު ނާޝިދު އަދި ޢަބްދުﷲ ނާޝިދުއެވެ.

އޭސީސީއަކީ 2008 ވަނަ އަހަރު އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ތަޞްދީޤުކުރެވުނު ޤާނޫނުއަސާސީގެ ދަށުން އުފެދުނު މިނިވަން މުއައްސަސާއެކެވެ. މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމާއި ތަޙުޤީޤުކުރުން، އަދި ޝަރީޢަތަށް ހުށަހަޅަންޖެހޭ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނެއެވެ.

މީގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދިރާސާތައް ކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކަށް ލަފާދިނުމަކީވެސް މި ކޮމިޝަނުގެ މުހިންމު މަސްއޫލިއްޔަތެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%