ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) އަކީ ގައުމުތަކުގައި ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށާއި، އެއީ ކޮރަޕްޝަން އޮތް ކަމަށް "ދެކޭ މިންވަރު" ބަލާ މިންގަނޑެއް ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރު ނެރޭ މި އިންޑެކްސްއާ ގުޅޭގޮތުން އޭސީސީން ހާމަކުރި ގޮތުގައި، މިއީ އެކި ފަރާތްތަކުން ކުރާ ދިރާސާތަކުގެ ނަތީޖާއަށް ބިނާކޮށް ތައްޔާރުކުރާ އެއްޗެކެވެ. މިއީ "ޕާސެޕްޝަން" ނުވަތަ ދެކޭ ގޮތުގެ މައްޗަށް ބިނާކުރާ ދިރާސާއަކަށް ވުމުން، އިންޑެކްސްގެ ސްކޯ އާއި ރޭންކިން ބިނާވަނީ އެ މައުލޫމާތުތަކުގެ މައްޗަށެވެ.
އޭސީސީން ފާހަގަކުރި ގޮތުގައި 2025 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްކޯ އާއި ރޭންކް ކަނޑައެޅުމަށް ބޭނުންކޮށްފައިވަނީ އެންމެ ތިން މަސްދަރެކެވެ. އެއީ:
1. ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް
1. ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް
3. ވެރައިޓީސް އޮފް ޑިމޮކްރަސީ
ކޮމިޝަނުން ބުނީ މި ތިން ދިރާސާއަކީ ވެސް ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ސީދާ ވަޒަންކޮށްފައިވާ ދިރާސާތަކެއް ނޫން ކަމަށެވެ. އަދި އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގެ ސްކޯ އެކުލަވާލުމަށް ބޭނުންކޮށްފައިވަނީ ވަރަށް މަދު މަސްދަރުތަކެއް ކަމަށްވާތީ، މި ސްކޯގެ ނަތީޖާއަކީ މާނަހުރި ރަނގަޅު ނަތީޖާއަކަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގައި މަޝްވަރާކޮށް ރައްޔިތުންގެ ސަމާލުކަމަށް މިކަން ގެނައުން މުހިންމު ކަމަށް އޭސީސީން ދެކެއެވެ.
ރާއްޖޭގެ ނަޒާހަތްތެރިކަމުގެ ގައުމީ ނިޒާމު ވަރުގަދަކުރުމަށްޓަކައި އޭސީސީން މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ދިގުރާސްތާ ގައުމީ ޕްލޭނާއި، "މޯލްޑިވްސް 2.0" އާ އެއްކީލިވާނެ "ޤައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު" އެކުލަވާލުމުގެ މަސައްކަތް ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، އިންޓަނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީން އިސްނަގައިގެން ކުރިއަށްގެންދާ "މެޝަރިން އިފެކްޓިވްނެސް އޮފް އެންޓި-ކޮރަޕްޝަން އޭޖެންސީސް" ގެ ފަންނީ މަސައްކަތުގައި ވެސް އެހެން ގައުމުތަކާ ގުޅިގެން އޭސީސީން ބައިވެރިވަމުންދާކަން އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.









