ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭނެ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ އަންނަ ރޯދަމަހުން ފެށިގެން ޑަބްލިއުޑީސީގެ މެންބަރުންނަށް އެލަވަންސެއް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ބިލަކީ ޑަބްލިއުޑީސީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އެ ކޮމިޓީތަކުގެ މެންބަރުންނަށް އިތުރު އިނާޔަތްތަކާއި ބާރުތައް ދިނުމަށް އަމާޒުކޮށްފައިވާ ބިލެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ޑިސެމްބަރު 14 ވަނަ ދުވަހު އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި، ކުރިއަށް އޮތް ރަމަޟާން މަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް އިނާޔަތް ދޭނެކަމަށް އިޢުލާނުކުރައްވާފައެވެ. މި ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.
މި ބިލުގެ މުހިންމު ނުކުތާތަކުގެ ތެރޭގައި:
- ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުން
- އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ޤާނޫނުގައި ތަފްސީލުކޮށް ހިމެނުން
- އިޖްތިމާޢީ ހަރަކާތްތަކަށް ފައިސާ ހޯދުމުގެ ޤާނޫނީ ބާރު ކޮމިޓީތަކަށް ލިބިދިނުން
- ޑަބްލިއުޑީސީތަކުގެ މާލީ އަދި އިދާރީ ހިންގުމާ ގުޅޭ އިސްލާހުތައް ގެނައުން
މީގެއިތުރުން، ރައީސް މުއިއްޒު ވަނީ ޑަބްލިއުޑީސީ މެންބަރުންނަށް ލިބޭ މުސާރައަކީ ބޭންކުތަކުން ބަލައިގަންނަ މުސާރައަކަށް ހަދައި، ލޯނު ނެގޭނެ އިންތިޒާމު ވެސް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައެވެ.









