މާލީ ދާއިރާއިން ފަންނީ މީހުން ބިނާކުރުމާއި ގުޅޭ ހާއްސަ ސްކޮލަޝިޕް ފުރުސަތުތަކަކަށް ކުރިމަތިލާން ޕެންޝަން އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ޕެންޝަން އޮފީހުން ބުނީ މި ސްކޮލަޝިޕް ޕްރޮގްރާމުގެ ދަށުން ކިޔެވުމަށް ކަނޑައަޅާ ދާއިރާތަކާއި ސްކޮލަޝިޕްގެ އަދަދު އެ އޮފީހުން އަހަރަކު އެއް ފަހަރު އިއުލާންކުރާނެ ކަމަށެވެ.
މި އަހަރަށް ވަނީ އަންޑަގްރެޖުއޭޓް އެއް ސްކޮލަޝިޕަށް އިއުލާންކޮށްފަ އެވެ. އަދި އެ ސްކޮލަޝިޕް ފުރުސަތުގެ ދަށުން ކިޔެވުމުގެ ހުރިހާ ހަރަދެއް ޕެންޝަން އޮފީހުން ދޭން ވަނީ ނިންމައިފަ އެވެ.
ޕެންޝަން އޮފީހުން ބުނީ މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ތަފާތު އެކި ރޮނގުތަކުން މަތީ ތައުލީމު ހާސިލުކޮށް ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރުވެރި ދިވެހިންނަށް އެ ފުރުސަތު ފަހިކޮށްދީ، މާލީ ދާއިރާގައި މަސައްކަތް ކުރާނެ ގާބިލު މީހުން ބިނާކުރުން ކަމަށެވެ.
މެރިޓް ބޭސްޑް ޕްރޮގްރާމެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ދުނިޔޭގެ ޔުނިވަސިޓީ ރޭންކިން އަށް ބަލައި، ފެންވަރު ރަނގަޅު ޔުނިވަސިޓީތަކުން އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމު ތަކުގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ ޕްރޮގްރާމެއް ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.









