މިދިޔަ ހަފްތާގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސް ކިރުވި 452 ދޯންޏަކަށް ޖުމްލަ 35.5 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ ހަފްތާ އާއި އަޅާބަލާއިރު 110 އިންސައްތައިގެ އިތުރުވުމެއް ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖަނަވަރީ މަހުގެ ފަހު ހަފްތާގައި 309 މަސްދޯންޏަކަށް 16.9 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއާއި އަޅާބަލާއިރު މި ނިމުނު ހަފްތާގައި މިފްކޯއަށް މަސް ކިރުވި ދޯނިތަކުގެ އަދަދު ވަނީ 46 އިންސައްތަ އިތުރުވެފައެވެ.
މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވި މަހަށް މިފްކޯއިން ޖުމްލަ 117 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު 122 އިންސައްތައިގެ އިތުރުވުމެކެވެ. ޑިސެންބަރު މަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 52 މިލިޔަން ރުފިޔާއެވެ.
މިދިޔަ ބުރާސްފަތި ދުވަހަކީ ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި ދުވަސް ކަމަށް މިފްކޯއިން ބުންޏެވެ. އެދުވަހު މިފްކޯއިން ވަނީ މަސްވެރިންނަށް 6.5 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައި ވަނީ ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް، މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޭން ފެށުމުން ދޯނިތަކުން ފޭބި ޒުވާނުން އަނބުރާ މަސްވެރިކަމަށް ނިކުންނަން ފަށާފައިވާ ކަމަށެވެ. އަދި މަސްވެރި ސިނާޢަތަށް މިދިޔަ 40 އަހަރު ނުގެނެސްދެވިވާ ތަރައްޤީ މި ސަރުކާރުން ގެންނަމުންދާ ކަމަށާއި، މި ދާއިރާގައި ހުރި މައްސަލަ ތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.









