މަސްވެރިކަމާއި ކަނޑުތަކާބެހޭ ދިރާސާތައް ކުރެއްވުމުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ މުޙައްމަދު ޝަކީލް އަވަހާރަވުމަކީ އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޝަކީލް އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ ޝަކީލްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި ޝަކީލަކީ މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރުގަދަ ބޭފުޅެއް ކަމުގައި ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޝަކީލްގެ މަސައްކަތުގެ ދިގު ދަތުރު ފެށިގެން ދިޔައީ 1983 ވަނަ އަހަރު މެރިން ބަޔޮލޮޖިސްޓް ޓްރެއިނީއެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓްރީއާއި ގުޅިވަޑައިގަތުމާއި އެކުގައެވެ. އޭގެ ފަހުން، 1984 އިން 1990 އަށް ރަޝިޔާގައި މާސްޓާސް އިން ބަޔޮލޮޖީ (އިކްތިއޮލޮޖީ އެންޑް ފިޝް ބްރީޑިންގ) ހާސިލުކުރެއްވިއެވެ.
ޝަކީލް އަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ މަސްވެރިކަމާއި ކަނޑުތަކާބެހޭ ދިރާސާތަކުގެ ދާއިރާއަށް ލިބުނު ގެއްލުން ފާހަގަކުރައްވައި، އެ ދާއިރާގައި އޭނާ ކުރެއްވި މަސައްކަތްތަކަށް ޝުކުރުވެރިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.









