މިދިޔަ ބުރާސްފަތި ދުވަހަކީ ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ބޮޑު އަދަދަކަށް ފައިސާ ދޫކުރި ދުވަސް ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯގެ ހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު މަސްވެރިން ކިރުވައިފައިވާ މަހަށް މިފްކޯއިން ވަނީ 6.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މިއީ މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް އެންމެ ގިނައިން ފައިސާ ދޫކުރި ދުވަހެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. މި ވަޢުދު ތަންފީޛު ކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އައު އުސޫލާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯއިން ވަނީ 117 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ހުސްވި ޑިސެންބަރ މަހާއި އަޅާބަލާއިރު 122% އިތުރުވުމެކެވެ. ޑިސެމްބަރ މަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 52 މިލިޔަން ރުފިޔާއެވެ\









