ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގައި ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރައްޔިތުންގެ ތާއީދު އޮތްކަން ދައްކުވައިދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، 12 ދާއިރާއެއްގައި ބޭއްވުނު މި އިންތިޚާބުތަކުގައި ޕީއެންސީން ވަނީ މިއަދު ވޯޓު ލައިގެން އަށް ދާއިރާއެއް ކާމިޔާބުކޮށްފައެވެ.
މިއަދުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ ދެ ރަށެއްގެ ކައުންސިލް މެންބަރުން ހޮވުމަށާއި 10 ރަށެއްގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށެވެ.
މީގެ ތެރޭގައި ހދ. މަކުނުދޫ ކައުންސިލް މެންބަރާއި ނ. ލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ކޮށްފައިވާ ގޮނޑި ހިމެނެއެވެ.
ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގައި މިއަދު ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެެއިން އިންތިޚާބަކާ ނުލައި 24 ގޮނޑި ޕީއެންސީން ކާމިޔާބު ކޮށްފައިވާއިރު، މިއަދު ބޭއްވި އިންތިޚާބުން ނުވަ ގޮނޑި އެ ޕާޓީން ވަނީ ކާމިޔާބު ކޮށްފައެވެ.
މިއަދު ބޭއްވި ބައި-އިލެކްޝަން ތަކަކީ:
މަކުނުދޫ ކައުންސިލް މެންބަރު
ލަންދޫ ކައުންސިލް އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި
ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
ހަންޏާމީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
ލ. ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
ބުރުނި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވިގޮތުގައި، ޕީއެންސީން ވަނީ އަށް ދާއިރާއެއް ކާމިޔާބު ކޮށްފައެވެ. އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ދެ ދާއިރާއެއް ކާމިޔާބު ކޮށްފައި ވެއެވެ. އަނެއް ދެ ދާއިރާއެއްގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ.
ކައުންސިލްތަކުގެ ގޮނޑިތަކަށް ބަލާއިރު، ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ޕީއެންސީން ކާމިޔާބު ކޮށްފައި ވާއިރު، ހދ. މަކުނުދޫ ކައުންސިލްގެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެވެ.
މި އިންތިޚާބުގައި އެންމެ ގިނަ މީހުން ވޯޓު ލާފައި ވަނީ ލ. ގަމު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައެވެ. މި ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ ޕީއެންސީންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުގައި މި އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ ނެރޭނެއެވެ.
ކައުންސިލްތަކުގެ ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބޭއްވުމަށް ގާނޫނަށް ގެނެވުނު އިސްލާހާ އެއްގޮތަށް، މިއީ މި އަހަރުގެ ފުރަތަމަ ބައި-އިލެކްޝަންތަކެވެ.










