ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލުގައި އަލިފާން ރޯކޮށްލި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 21 އަހަރުގެ މީހާއަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 15 ދުވަހެވެ. ނަމަވެސް، އެ މުއްދަތު ހަމަވުމާއި ގުޅިގެން ކޯޓުން ވަނީ އަނެއްކާވެސް އިތުރު 5 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
އެ ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ މާލޭގެ ޖަނަވަރީ މަގުގައި ހުންނަ ވެލިގާ ހާޑްވެއަރ ކައިރީގައި ސައިކަލު ބަހައްޓާފައި ހުއްޓައެވެ.
ސައިކަލްގައި ރޯކޮށްލި މީހާ ބުނެފައިވަނީ އެ ސައިކަލަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން މީހާގެ ކުރީގެ ފިރިމީހާގެ ސައިކަލު ކަމަށާއި، ސައިކަލުގައި ރޯކޮށްލެވުނީ މަސްތުގެ ހާލަތުގައި ހުރުމުންނެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާ އަކީ ކުށުގެ ރެކޯޑު ގިނަ މީހެއް ކަމަށާއި، އަދި ކުށްކުރާ ޖަމާޢަތެއްގައި ހަރަކާތްތެރިވާކަމުގެ ރެކޯޑު އޮތް މީހެކެވެ.









