މާލޭގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، މާލޭގެ 4 ސަރަހައްދެއްގައި ތިމާވެށްޓާއި ރައްޓެހި، އިއާދަކުރަނިވި ހަކަތައިން ހިންގާ ޕާކިންގ ބިލްޑިންގތަކެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒް، އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިންގ އެހީގެ ދަށުންނެވެ. އަދި މި ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށުމަށް މަސައްކަތް ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"މި މަޝްރޫޢުގެ ސަބަބުން މާލޭގައި ދިމާވެފައިވާ ޕާކިންގ ދަތިކަމަށް ޙައްލެއް ލިބި، އަދި ތިމާވެށްޓާއި ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ," ރައީސް ވިދާޅުވިއެވެ.
މި ރިޔާސީ ބަޔާނަކީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ފެށުމަށްޓަކައި ބޭއްވުނު ޖަލްސާގައި ދެއްވި ބަޔާނެވެ. މި ބަޔާނުގައި ރައީސް މުޢިއްޒް ވަނީ ސަރުކާރުގެ ތަރައްޤީގެ ޕްލޭންތަކާއި އަދި ކުރިއަށް އޮތް އަހަރުގެ ލަނޑުދަނޑިތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.









