ލުބުނާނުގެ ދެކުނުގައި އޮންނަ ޓައިރް ހަރްފާގައި ހުރި ގެއެއްގައި މިއަދު ހިނގި ގޮވުމެއްގައި ދެ މީހަކު މަރުވެ، އިތުރު ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓުކޮށްފިއެވެ.
މިއީ އިޒްރޭލުގެ ސިފައިން ކުރިން އެ ގޭގައި ހަރުކޮށްފައިވާ ބޮމެއް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށުނު އިޒްރޭލާއި ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތާއި ދެމެދު ހިނގި ހަނގުރާމައިގެ ފަހުން، މިދިޔަ ނޮވެމްބަރު 27 ގައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް މި އެއްބަސްވުމަށްފަހު އިޒްރޭލުން ވަނީ 840 އަށް ވުރެ ގިނަ ފަހަރު އެއްބަސްވުމާއި ޚިލާފުވެ، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މީހުން މަރާލައި އަނިޔާކޮށްފައެވެ.
އެއްބަސްވުމުގެ ދަށުން އިޒްރޭލުން ލުބުނާނުގެ ދެކުނުން އެ ޤައުމުގެ ހުރިހާ ސިފައިން ނެރެން ޖެހެނީ ޖެނުއަރީ 26 ގައެވެ. ނަމަވެސް އިޒްރޭލުން އެކަން ކުރުމަށް އިންކާރުކުރުމާއި ގުޅިގެން މުއްދަތު ވަނީ ފެބްރުއަރީ 18 އަށް އިތުރުކޮށްފައެވެ.









