
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރަނުން ހަދާފައިވާ ޕޭޖަރެއް ހަދިޔާކޮށްފިއެވެ. މި ހަދިޔާ ދިނީ މިދިޔަ ހަފްތާގައި ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
އިޒްރޭލު ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވާ ގޮތުގައި މި ހަދިޔާއަކީ ހިޒްބުﷲއާއި ދެކޮޅަށް ކުރެވުނު ހަނގުރާމައިގައި "އައި ބަދަލެއްގެ" ނިޝާނެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިސްރާއީލުން ވަނީ ހިޒްބުﷲ މީހުން ގެންގުޅުނު ޕޭޖަރުތަކެއްގައި ގޮވާތަކެތި ޕްލާންޓް ކުރުމަށްފަހު އެތަކެތި ގޮއްވާލައި ހިޒްބުﷲގެ ގިނަ ބަޔަކު މަރާލައި ޒަޚަމް ކޮށްލާފައެވެ.
"މި އޮޕަރޭޝަނުން ދައްކުވައިދެނީ އިޒްރޭލުގެ ބާރާއި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިންވަރާއި، އަދި ދުޝްމަނުންނާއި ދެކޮޅަށް ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު،" ޓްރަމްޕަށް އެރުވި ރަން ޕޭޖަރާއި ބެހޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން އިއްޔެ ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އިޒްރޭލާއި ހިޒްބުﷲއާއި ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެވުނެވެ. މިއީ އެއް އަހަރަށްވުރެ ގިނަ ދުވަހު ދެމިގެންދިޔަ ހަނގުރާމައަކަށް ނިމުމެއް ގެނައި އެއްބަސްވުމެކެވެ. މި ހަނގުރާމައިގައި އިޒްރޭލުން ވަނީ ލުބުނާނުގެ ދެކުނަށް ވަދެ، ވަރުގަދަ ހަމަލާތަކެއް ދީފައިކަން ފާހަގަ ކުރެވެއެވެ.









