މާލެ ފަޅުގައި އޮންނަތާ ގިނަ ދުވަސްވީ 4 އުޅަނދެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
އެ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނީ، މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާއި ބެހޭ ގަވާއިދާއި ޚިލާފަށް، ގިނަ ދުވަސްތަކެއް ވަންދެން ދަތުރުނުކޮށް އަދި އެކަށީގެންވާ ބެލެހެއްޓުމެއްނެތި ފަޅުތެރޭގައި އަޅާފައިވާ އުޅަނދުފަހަރުގެ ސަބަބުން ގަވާއިދާއި އެއްގޮތަށް ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާތައް ލިބޭ ކަމަށެވެ.
އެ އިޢުލާނުގައި ވަނީ ފަޅުން ނެގުމަށް އަންގާފައިވާ އުޅަނދުތަކުގެ ނަންތައް ވެސް ފާހަގަ ކޮށްފައެވެ. އެއީ "މުނިޔާ" އާއި "އުންމީދު" ނަމަކަށް ކިޔާ ދެ އުޅަނދެވެ. އޭގެ އިތުރުން ނަމާއި ރަޖިސްޓަރީ ނަންބަރު ނެތް ދެ އުޅަނދު ހިމެނެއެވެ.
އިޢުލާނުގައި ވާގޮތުން، މި އުޅަނދުތަކުގެ ވެރިފަރާތްތަކުން، އެއީ އެފަރާތްތަކުގެ އުޅަނދުކަން ސާބިތުކޮށްދޭ ލިޔެކިޔުންތަކާއެކު ކައުންސިލަށް ހާޒިރުވެ، އަންނަ ހޯމަ ދުވަހުގެ ކުރިން އެ އުޅަނދުތައް ފަޅުން ނެގުމަށް އަންގާފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް ނުނަގައިފިނަމަ، ކައުންސިލުން ކަނޑައަޅާ ސަރަހައްދަކަށް އެ އުޅަނދުތައް ގެންދިއުމުގެ މަސައްކަތް ކުރާނެކަމަށް ވެސް އިޢުލާނުގައި ބުނެފައި ވެއެވެ.
ކައުންސިލުން ބުނީ، އުޅަނދުފަހަރު ނެގުމާއި ގެންދިއުމުގެ ތެރޭގައާއި، ގެންގޮސް ބޭއްވުމަށްފަހު އުޅަނދާއި އޭގައިވާ ތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކައުންސިލުން ޒިންމާ ނުވާނެ ކަމަށެވެ.









