ޣައްޒާގެ ބިމަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއް ކަމަށާއި، އެ ބިމަށް އެހެން ބަޔަކަށް އަތް ފޯރުވިގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ. އެ ބަޔާނުގައި ރައީސް ވަނީ ފަލަސްތީނުގެ މައްސަލައާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސިޔާސަތު ސާފުކޮށް ބަޔާންކުރައްވާފައެވެ.
"ޣައްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް. ޣައްޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދެއް ނުކުރާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި، އދ އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އދގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ 1967 ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ޤަބޫލުކޮށް، ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަށް ކަމަށެވެ.
"ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނަން." ރައީސް ވިދާޅުވިއެވެ.









