ދިވެހިރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ޤައުމާއި މުޚާތަބުކުރެއްވި އެންމެ ބޮޑު ވަޢުދަކީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ޙިމާޔަތްކޮށްދިނުމުގެ ވަޢުދު ކަމަށެވެ. އަދި މިއީ އެމަނިކުފާނުގެ އަމިއްލަ ނަފުސުގެ މައްޗަށް ލާޒިމުކުރައްވާ، ދުވަހަކުވެސް ފަރުވާކުޑަކޮށްނުލާނެ ޤައުމީ ވާޖިބެއް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރައީސް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި:
- އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ދެގުނަކޮށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ފެށުން
- ކޯސްޓްގާޑުގެ "ސްޕެޝަލް ބޯޓް ސްކޮޑްރަން" އުފެއްދުން
- އެމް.އެން.ޑީ.އެފް އެއަރ ކޯރ އުފެއްދުން
- އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ޚިދުމަތް ފެށުން
- ރާއްޖޭގެ އުތުރާއި ދެކުނުގައި އެއަރ ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ފެށުން
- އެމް.އެން.ޑީ.އެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުން
މީގެއިތުރުން، ރައީސް ވަނީ ފުލުހުންގެ ޚިދުމަތް ފުޅާކުރުމާއި، ޑްރަގާއި ގޭންގު މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. މިގޮތުން މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.









