މިއަހަރަކީ ޤައުމީ ތަރައްޤީގެ ޢަމަލީ މަސައްކަތުގެ އަހަރު ކަމަށާއި، ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު އެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ޢަޒުމަކީ ތެދުވެރިކަމާއި އިޚްލާސްތެރިކަން ކުރިއަށް ނެރުމާއި، ނަފްސުގެ މައްޗަށް އިތުބާރުކޮށް ހިތްވަރާއެކު ނުގުޑާ ޢަޒުމެއްގައި ޤައުމީ މަސައްކަތް ކުރެއްވުންކަމަށެވެ.
"މާތްﷲ އިރާދަކުރެއްވިއްޔާ މިއަހަރަކީ ޢަމަލީ މަސައްކަތުގެ އަހަރު. ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއް." ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިއަހަރަކީ ރާއްޖެއަށް ޢުމްރާނީގޮތުން ތަރައްޤީގެ އިންޤިލާބީ އަހަރަކަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. މިގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
ސަރުކާރުން މިހާރުވަނީ 57 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ކޮންޓްރެކްޓަރުން ހޯދުމަށް ޢިއުލާންކުރައްވާފައެވެ. މީގެ އިތުރުން، އިޤްތިޞާދީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ފަތުރުވެރިކަމުގެ އިތުރުން އެހެން ސިނާޢަތްތައް ކުރިއެރުވުމަށް ވެސް މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.









