މިދިޔަ އަހަރު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި ދައަލް-މަޝްއަރު ޓުއާސްގެ ވެރިޔާ މ. ހަވީރީފިނި، އަލީ ފާރިޝްގެ މައްޗަށް ޓެކުމާއި މަނީ ލޯންޑަރިންގެ ދައުވާ ކުރަން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
އޭނާއަށް މި ދަޢުވާ އުފުލާފައި ވަނީ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫފުން އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
އޭނާއާއި ބެހޭ ގޮތުން މީގެ ކުރިން ފުލުހުން ބުނީ މިދިޔަ އަހަރު އުމްރާ އަށް މީހުން ގެންދާނެ ކަމަށް ބުނެ އަލް-މަޝްއަރް ޕްރައިވެޓް ލިމިޓެޑުން 27 މީހުންގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ނަގައި، މަކަރާއި ހީލަތް ހަދައި ފައިސާ އަށް ހިޔާނާތްތެރިވި ކަމަށެވެ.
މަޝްއަރު ޓުއާސްގެ މައްސަލަ މިދިޔަ އަހަރުގެ އެޕްރީލް މަހު ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ.
ފާރިޝްގެ މައްޗަށް ކުރަނީ ގާނޫނުލްއުގޫބާތުގެ ދަށުން ޓެކުމުގެ ކުށުގެ 6 ދައުވާ އެކެވެ.
ޕީޖީ އޮފީހުން ބުނީ ދައުވާތައް ކުރަނީ މަޝްއަރު ގްރޫޕަށް މި އަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންގޮސް ދިނުމުގެ ހުއްދަ ލިބިފައި ނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން މި އަހަރު އުމްރާއަށް ގެންގޮސްދޭނެ ކަަމަށް ބުނެ، ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރު ނަގައި، އެ މީހުން އުމްރާއަށް ނުގެންގޮސް އަދި އެ ފައިސާ އަނބުރައި ރައްދުކޮށްދީފައި ނުވާތީ ކަމަށެވެ.
ފާރިޝްގެ މައްޗަށް އުފުލި މަނީ ލޯންޑަރިން ދައުވާކުރީ އުމުރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ހޯދި ފައިސާ ޓެކުމަކުން މީހުންގެ އަތުން ނިގުޅައިގަތުމަށް ފަހު އޭނާގެ އަމިއްލަ އެކައުންޓުތަކާއި އޭނާގެ ހިއްސާ އޮންނަ ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓަން މޯލްޑިވްސްގެ އެކައުންޓަށް ޖަމާކޮށްފައިވާތީކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އޭނާއަށް ދައުވާކޮށްފައި ވަނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިން ކަމަށާއި އޭގެ ތެރޭގައި ގްރޫޕެއް ގޮތުގައި އުމްރާއަށް ދިއުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކި މީހުން ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މިދިޔަ އަހަރު ޢުމްރާވެރިން ހާލުގައި ޖެއްސުމާއި ގުޅުންހުރި ކަންތަކެއް އަދިވެސް ތަޙްޤީޤު ކުރަމުންދާތީ ފާރިޝް އާއި ދެކޮޅަށް އިތުރު ދަޢުވާ ތަކެއް ވެސް އައުން އެކަށީގެންވެއެވެ.









