ފަލަސްތީނުގެ ރައްޔިތުން އަވައްޓެރި ޤައުމުތަކަށް ބަދަލުކުރުމަށްފަހު، ހަނގުރާމައިގައި ވީރާނާވެފައިވާ ޣައްޒާ ސަރަހައްދު އެމެރިކާގެ ބެލުމުގެ ދަށަށް ގެންނަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މި ޕްލޭން ޓްރަމްޕް ހާމަކުރެއްވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޓްރަމްޕް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން "ޣައްޒާއިން ފުރައިގެން ދިއުމަށް ވަރަށް ބޮޑަށް އެދޭނެ" ކަމަށެވެ.
ޓްރަމްޕުގެ ވާހަކަތަކަށްފަހު އދ އާއި ހަމާސް އިން ވެސް ވަނީ ބަސް ބުނެފައެވެ.
ޓްރަމްޕްގެ މި ޕްލޭނާއި ގުޅިގެން ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ މެދު އިރުމަތީގެ ހަމަނުޖެހުމަށް ރާވަމުންދާ ރޭވުމެއް ކަމަށެވެ.
އަނެއްކޮޅުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވިދާޅުވެފައިވަނީ މިއީ "ނަސްލީ ސާފުކުރުމެއް" ކަމަށެވެ.
ޓްރަމްޕުގެ ވާހަކަތަކާއި ގުޅިގެން އެމެރިކާގެ ވޮޝިންގްޓަން ޑީސީ ގައި މުޒާހަރާކޮށް ގިނަ ބަޔަކު ވަނީ ޓްރަމްޕްއަށް ފާޑުކިޔާފައެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކުރި ހިސާބުތަކަށް ބަލާއިރު، އިޒްރޭލުން ޣައްޒާގައި ކުރި ހަނގުރާމައިގައި 61،700 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.









