ސްވެޑެންގެ މެދުތެރޭގައި ހުންނަ ތަޢުލީމީ މަރުކަޒެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ގާތްގަނޑަކަށް 10 މީހުން މަރުވެއްޖެއެވެ. މީގެ ތެރޭގައި ހާދިސާ ހިންގި ކަމަށް ޝައްކުކުރެވޭ މީހާވެސް ހިމެނޭ ކަމަށް އެ ޤައުމުގެ ފުލުހުންނާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ.
އޯރެބްރޯ ޕޮލިސް ޗީފް ރޮބަޓޯ އީދް ފޮރެސްޓް މަރުވި މީހުންގެ ޢަދަދާ ގުޅޭގޮތުން "އިތުރަށް ސްޕެސިފިކްކޮށް" ވާހަކަ ނުދެއްކޭނެ ކަމަށާއި ޝައްކުކުރެވޭ މީހާއަކީ އަދި ކާކު ކަމެއް ދެނެގަނެވިފައި ނުވާ ކަމަށެވެ.
އެޤައުމުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަރާލަން އުޅުމާއި، އަލިފާން ރޯކުރުމާއި، ހަތިޔާރާއި ގުޅޭ ކުށުގެ ތުހުމަތުގައި ތަޙްޤީޤެއް ފަށާފައިވާ ކަމަށެވެ.
އެފްޓޮންބްލަޑެޓް ނޫހާއި އެސްވީޓީ އަދި ޓީވީ4 ޗެނަލްތަކުން ނަން ހާމަނުކުރާ މަސްދަރުތަކަކަށް ހަވާލާދީ ބުނެފައިވަނީ އެތައް ބަޔަކު މަރުވެފައިވާ ކަމަށެވެ.
މި ޙަމަލާ އާއި ގުޅިގެން އެޤައުމުގެ ބޮޑުވަޒީރު އުލްފް ކްރިސްޓަރސަން ވަނީ ކަންބޮޑުވުން ފާޅުކުރައްވައި “ވޭން ދެނިވި ދުވަހެއް" ކަމަށް ވިދާޅުވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ ސްޓޮކްހޯމްއިން 200 ކިލޯމީޓަރު (125 މޭލު) ހުޅަނގަށް އޮންނަ އޯރެބްރޯގައި ހުންނަ ރިސްބަރގްސްކާ ސްކޫލުގައެވެ. މިއީ ރަސްމީ ތަޢުލީމު ފުރިހަމަ ނުކުރެވުނު ނުވަތަ މަތީ ތަޢުލީމަށް ދިއުމަށް ބޭނުންވާ މާކްސް ނުލިބުނު ބޮޑެތި މީހުންނަށް ކިޔަވައިދޭ ސްކޫލެކެވެ. މި ސްކޫލު ހުންނަނީ ކުޑަކުދިންގެ ސްކޫލުތަކެއް ވެސް ހިމެނޭ ކެމްޕަހެއްގައެވެ.









