ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބޮޑެތި ޖަރީމާ ތައް ހިންގައި ދިން ފުލެޓުތައް ހަވާލުކުރުން ލަސްވާތީ، އެ މައްސަލާގައި ފަހި ދިރުއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހާޒިރުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށައަޅުއްވައިފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެފްޑީސީން އަޅައިފައިވާ 4000 ފުލެޓުގެ ތެރެއިން 744 ފުލެޓް މިހާރުވެސް ނިމިފައިވާ ކަމަށެވެ. އެހެންނަމަވެސް ފުލެޓުގެ ހައްގުވެރިންނަށް ފުލެޓް ނުލިބި، ދައުލަތަށް އެ ތަންތަނުން ލިބެންޖެހޭ ކުއްޔާއި ފީތަށް ވެސް ނުލިބިވާކަން ކުޑޫގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީ މަޖިލިސް މެންބަރު އެގޮތަށް ސިޓީ ފޮނުވީ އެމްޑީޕީން ސިޔާސީ މަޤްޞަދެއް ޙާޞިލް ކުރުމުގެ ގޮތުންނެވެ. އެ ބުނާ ލިސްޓުގައި ތިބި ވަރަށް ގިނަ މީހުންނަކީ އޮޅުވާލައިގެން ފުލެޓް ދީފައިވާ ފަރާތްތަކެވެ. އެކަން އޭސީސީގެ ތަޙްޤީޤުން ވެސް އެނގެއެވެ.
4000 ފްލެޓް އެޅުމަށް އިންޑިއާއިން ނަގާފައިވާ ލޯނަށް ކޮންމެ މަހަކު ދައުލަތުން 23.4 މިލިއަން ރުފިޔާ ދައްކަމުން އަންނަކަން ފާހަގަކުރައްވައި، އެ ކުންފުނީގެ ރިކަރަންޓު ހަރަދަށް މަހަކު 3.24 މިލިއަން ހޭދަ ކުރާ ކަމަށްވެސް ކުޑޫގެ ސިޓީގައިވެއެވެ.
ނަމަވެސް، އެ ގެއްލުން ދައުލަތަށް ލިބެން ޖެހުނީ އެމްޑީޕީގެ މަކަރުބެރި ރޭވުމުގެ ސަބަބުން ކަމެއް އެ ސިޓީގައި އޭނާ ބަޔާނެއް ނުކުރެއެވެ.
އޭނާ ބުނެފައި ވަނީ މިހާރު ނިމިފައިވާ 744 ފުލެޓާއި ކޮމާޝަލް އޭރިއާ ދޫކޮށްފިނަމަ ކޮންމެ މަހަކު ދައުލަތަށް 10.8 މިލިއަން ރުފިޔާ ލިބޭނެކަމަށެވެ..
އެފްޑީސީގެ ލޯނު ދައުލަތުން އަނބުރާ ދައްކަމުން ދާއިރު ދައުލަތަށް ގެއްލުން ވަނީ ކުރީ ސަރުކާރުގެ އިހުމާލުންނެވެ.









