މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށުމަށް މާދަމާ ހެނދުނު 9:00 ގައި ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. މިއީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށޭ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ޖެހެއެވެ. މި ބަޔާނުގައި ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި، ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަން ޖެހެއެވެ.
މާދަމާ ބޭއްވޭ މި ޖަލްސާގައި ސަރުކާރުގެ އިސްވެރިންނާއި، އުއްތަމަ ފަނޑިޔާރާއި، ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި، އެހެނިހެން ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދެކަނބަލުންނެވެ.
ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ޤައުމުގެ ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމާއި، އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް އަމާޒުކުރެއްވި ކަންކަމުގެ ތެރެއިން ގިނަ ކަންތައްތަކެއް ވަނީ ޙާޞިލުކުރައްވާފައެވެ.









