އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުންނާއި ގުޅޭ ގޮތުން އެކި ފަރާތްތަކުން ބުނާ ޢަދަދުތަކުގައި ޚިލާފުތައް އުޅޭއިރު، ހެލްތު މިނިސްޓްރީން ބުނަނީ 47،500 އެވެ. އިތުރު އެހެން އެޖެންސީތަކާއި ޖަމިއްޔާތަކުގެ ހިސާބުތަކުގައި އުޅެނީ ބައިލައްކަ އެވެ. ހަމާސް އިން ބުނަނީ 60،000 އަށްވުރެ އިތުރު ކަމަށެވެ. ހުޅަނގުގެ މީޑިއާއިން ބުނަނީ 47000 ގައި ކަމަށެވެ.
ހުޅަނގުގެ މީޑިއާ ތަކުން ރިޕޯޓްކުރާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް އަނިޔާވެގެން 6 މީހުން ހޮސްޕިޓަލުތަކަށް ވައްދާފައިވެއެވެ. މިއާއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި އަނިޔާވި މީހުންގެ އަދަދު 111,618 އަށް އަރައިފައިވެއެވެ.
އަދިވެސް ގިނަ މީހުންގެ ހަށިގަނޑުތައް ވަނީ ވީރާނާ ކޮށްލާފައިވާ ތަންތަނުގެ ދަށުގައާއި މަގުމަތީގައި ކަމަށް ޚަބަރުތައް ބުނެއެވެ.
ޞިއްޙަތު މިނިސްޓްރީން ބުނާ ގޮތުގައި، ޖެނުއަރީ 19 ގައި ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވުނު ފަހުން، މެޑިކަލް ޓީމުތަކުން ވީރާނާ ކޮށްލާފައިވާ ތަންތަނުގެ ތެރެއިން 526 މީހުންގެ ހަށިގަނޑު ނަގާފައިވެއެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަދި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ޣައްޒާގައި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާއި ދެކޮޅު ކުށްތަކުގެ ތުހުމަތުގައި އަރެސްޓް ވޮރަންޓް ނެރެފައެވެ. މީގެ އިތުރުން، އިސްރާއީލުން ޣައްޒާގައި ހިންގާ ހަނގުރާމަ އާއި ގުޅިގެން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ނަސްލު ނައްތާލުމުގެ މައްސަލައެއް ވެސް އިސްރާއީލުގެ މައްޗަށް ހުށަހެޅިފައިވެއެވެ.









