ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ބެލްޖިއަމްގެ އަލަށް އިންތިޚާބުވި ބޮޑުވަޒީރު ބާރޓް ޑެ ވޭވަރއަށް ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ. މި ސިޓީފުޅު ފޮނުއްވާފައިވަނީ ބާރޓް ޑެ ވޭވަރ ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވާ ކުރެއްވުމާއި ގުޅިގެންނެވެ.
ރައީސް ފޮނުއްވި ސިޓީފުޅުގައި، އާ ބޮޑުވަޒީރަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގެންފައި ވެއެވެ. އަދި ބެލްޖިއަމްގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަޤީންކަން އޮތްކަމުގައި ވެސް ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން، ދިވެހިރާއްޖެ އާއި ބެލްޖިއަމާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް ވެސް ރައީސް އަލިއަޅުއްވާލައްވާފައި ވެއެވެ. ދެ ޤައުމުގެ މެދުގައި އޮތް ބައި ގަރުނަށްވުރެ ދިގު މުއްދަތުގެ އެކުވެރިކަމުގެ ގުޅުމަކީ، ދެފަރާތުގެ މެދުގައި އޮތް އިޙްތިރާމާއި ހެޔޮ އެދުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމުގައި ރައީސް ސިފަކުރައްވާފައި ވެއެވެ.
މީގެއިތުރުން، ދެ ޤައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށާއި، ދޭދޭ މަޞްލަޙަތު ހިމެނޭ ބައިނަލްއަޤްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް މުޢިއްޒު ބެލްޖިއަމްގެ އާ ބޮޑުވަޒީރަށް ދެއްވާފައި ވެއެވެ.









