ފ. މަގޫދޫގައި ތަރައްޤީކުރަމުންދާ އެއަރޕޯޓުގެ ޓަރމިނަލާއި ރަންވޭގެ ގިނަ މަސައްކަތްތަކެއް ނިމިފައިވާކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
2023 ވަނަ އަހަރުގެ ކުރީކޮޅު ފެށުނު މި މަޝްރޫޢުގެ މަސައްކަތް ވަގުތީގޮތުން މެދުކެނޑުމަށްފަހު، މިދިޔަ އަހަރުގެ ޖުލައި މަހުގައި އަލުން ފެށުނެވެ. އެމްޓީސީސީން ބުނާގޮތުގައި މިހާތަނަށް ރަންވޭގައި ތާރު އެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔަރުގެ 56 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ޓަރމިނަލް ބިލްޑިންގ އިމާރާތްކުރުމުގެ 53 އިންސައްތަ މަސައްކަތާއި ފަޔަރ ބިލްޑިންގ އިމާރާތްކުރުމުގެ 24 އިންސައްތަ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.
މި އެއަރޕޯޓް ތަރައްޤީ ކުރަނީ މަގޫދޫގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. ފުރަތަމަ 1200 މީޓަރުގެ ރަންވޭއެއް އެޅުމަށް ރޭވިފައިވީ ނަމަވެސް، މިހާރު ވަނީ 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފައެވެ. މި މަޝްރޫޢަށް ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ލަފާކުރެވެއެވެ.
އެއަރޕޯޓުގެ ހިންގުން ހަވާލުކޮށްފައި ވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާއެވެ. މީގެ އިތުރުން، ސަރުކާރުން ދަނީ ފ. އަތޮޅު ނިލަންދޫގައި ވެސް އެއަރޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
މި މަޝްރޫޢުގެ ދަށުން ސިނާޢީ މަސައްކަތްތަކަށާއި އިޖްތިމާޢީ ބޭނުންތަކަށް އިތުރު 18 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 3300 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިމާޔަތްކޮށް، ރިވެޓްމަންޓް ޖެހުމަށް ވެސް ވަނީ ރޭވިފައެވެ.









