ހއ. އުލިގަމުގައި ދިރިއުޅެމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ޒުވާނަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން ވަޒީފާއެއް ދިނުމަށް އެދުނުތާ އެންމެ ތިން ދުވަސް ތެރޭގައި ވަޒީފާ ހަމަޖައްސައިދީފިއެވެ.
ރައީސް ޑރ. މުޢިއްޒު އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުލިގަމަށް ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އުލިގަމަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.
ރައީސަށް މަރުހަބާ ދަންނަވަން ނުކުތް މީހުންގެ ތެރޭގައި އުލިގަމު، ފަޒާ، އިހްސާން އަބްދުލް މުހްސިން ހިމެނެއެވެ. އިހްސާނަކީ ހާއްސަ އެހީއަށް ބޭނުންވާ ޒުވާނެކެވެ. ސަފުގައި ހުރެ އިހްސާން، ރައީސް ޑރ. މުޢިއްޒަށް ދިއްކޮށްލީ ސިޓީއެކެވެ. އެ ސިޓީގައި އިހްސާން ރައީސްގެ އަރިހުގައި އެދުނީ ވަޒީފާއަކަށެވެ.
އޭގެ ތިން ދުވަސް ފަހުން، އިހްސާނަށް ވަނީ އުލިގަމު ފެނަކަ ބްރާންޗުން ވަޒީފާ ހަމަޖައްސައި ދީފައެވެ. ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުމާއި ގުޅިގެން ގިނަ ބައެއްގެ ތައުރީފް އެމަނިކުފާނަށް ވަނީ ލިބިފައެވެ.
"ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ކަންކަމަށް އިޖާބަދެއްވާ ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައިގަންނަވާ އޯގާތެރި ބޭފުޅެއް" އެކަކު ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވެއެވެ.
އުލިގަމު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އުލިގަމުގެ ތަރައްގީ އަށް ބޭނުންވާ ގިނަ މަސައްކަތްތައް މިއަހަރުގެ ބަޖެޓުގެ ތެރޭގައި ހިމަނާފައިވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ސިއްހީ ދާއިރާއަށް ބޭނުންވާ ކަންތައްތައް އޭގެތެރޭގައި ހިމެނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިއްޚީ މަރުކަޒުގެ ޖާގަ އާއި އެތަނުގެ ހާލަތާއި އަދި ވަސީލަތްތައް ވަރަށް އާދައިގެ ގޮތަކަށް ކުޑަކޮށް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީކޮށް އުލިގަމުގައި ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު ސިއްހީ މަރުކަޒެއް އަޅައި ދެއްވާނެ ކަމަށެވެ. އަދި މި މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.









