ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހުސައިން ޝަރީފް ސަސްޕެންޑް ކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަޢުލޫމާތު ދެއްވިގޮތުގައި، ހުސައިން ޝަރީފް ސަސްޕެންޑްކޮށްފައިވަނީ އޭނާ އާއި ގުޅޭގޮތުން އެ ކޮމިޝަނަށް ލިބިފައިވާ މައްސަލަތަކެއް ބެލުމަށްޓަކައެވެ.
އިބްރާހިމް ރަޝީދު ވިދާޅުވިގޮތުގައި، ހުސައިން ޝަރީފްގެ ސަސްޕެންޝަން ފެށިފައިވަނީ އިއްޔެއިން ފެށިގެންނެވެ. ނަމަވެސް، މި ފިޔަވަޅު އަޅާފައިވަނީ ސީދާ ކޮން މައްސަލައަކާއި ގުޅިގެންކަން އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ހުސައިން ޝަރީފް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް ހަމަޖައްސާފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ ޑިރެކްޓަރުގެ މަޤާމުގައެވެ.
މިދިޔަ ހޮނިހިރު ދުވަހު މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލުމާއި ގުޅިގެން އެ ދެ މިނިސްޓްރީގެ ޕީއެސްގެ މަޤާމު އުވާލައި، އައު މިނިސްޓްރީއަށް ޕީއެސްއެއް ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިޢުލާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.









