ސިވިލް ސާވިސްގެ މުވައްޒަފުން "ހާއްސަ ސިއްހީ ބޭނުންތަކަށް" ދޭ ޗުއްޓީއަށް އެދޭއިރު، ދެން އަމަލުކުރަންޖެހޭނީ ސިދާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅާ ގޮތަށް ކަމަށް އެ ކޮމިޝަނުން މިއަދު ކަނޑައަޅައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލު ގެންނަން ނިންމީ މީގެ ކުރިން އޮތް އުސޫލުގެ ސަބަބުން ޗުއްޓީ ހަމަޖެއްސުމުގައި ގިނަ ދުވަސްތަކެއް ހޭދަވަމުންދާތީ އެވެ. ކުރިން އޮންނަ ގޮތުން ނަމަ މުވައްޒަފުން މިފަދަ ޗުއްޓީއަށް އެދެން ޖެހެނީ އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއަކަށް ނުވަތަ މަސްއޫލު އޮފީހަކަށެވެ. އެ އޮފީސްތައް މެދުވެރިކޮށް ކޮމިޝަނަށް ހުށަހެޅުމުން ޗުއްޓީއާ މެދު ގޮތެއް ނިންމައި މުވައްޒަފަށް އެންގުމަށް ގިނަ ވަގުތު ނަގާކަން ސީއެސްސީން ބުންޏެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސީއެސްސީން އެކުލަވާލި އާ އުސޫލުގައިވާ ގޮތުން މުވައްޒަފަކު ހާއްސަ ސިއްހީ ޗުއްޓީއަށް އެދޭ ހާލަތުގައި އެ މުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށް ފަހު ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި ސީދާ ކޮމިޝަނަށް ހުށަހެޅޭނެ އެވެ.
ސީއެސްސީން އިތުރަށް ބުނީ، މިގޮތަށް ޗުއްޓީއަށް އެދި ހުށަހަޅާއިރު ޗުއްޓީ ފަށަން ބޭނުންވާ ތާރީހުގެ މަދުވެގެން 15 ދުވަސް ކުރިން އެކަމަށް އެދެންވާނެ ކަމަށެވެ.






