ސިވިލް ސާވިސް މުވައްޒަފުން ހެދުން އެޅުމާބެހޭ ގަވާއިދު އިސްލާހުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 25 ދުވަސް ކުރިން - 31 ޑިސެންބަރު 2025 15:47
ސިވިލް ސާވިސް ކޮމިޝަން--- ފޮޓޯ: ޚުލާސާ
ސިވިލް ސާވިސް ކޮމިޝަން--- ފޮޓޯ: ޚުލާސާ
ޚުލާސާ

ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށް އެ ގަވާއިދަށް ދެ މާއްދާއެއް ވަނީ އިތުރުކޮށްފަ

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް ބަދަލުކޮށް ސިވިލް ސާވިސް ގަވާއިދު އިސްލާހުކޮށްފި އެވެ.

ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށް އެ ގަވާއިދަށް ދެ މާއްދާއެއް ވަނީ އިތުރުކޮށްފަ އެވެ. އެ ދެ މާއްދާގައި ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުން ހެދުން އަޅަން ޖެހޭ ގޮތްތައް ވަނީ ވަކިވަކިން ފާހަގަކޮށްފަ އެވެ. އެގޮތުން އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން، ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުންކުރެވޭނެ ކަމަށާއި، މި ހެދުން ހުންނަންވާނ،ީ ފައިގެ ތަނބިކަށްޓަށް ވުރެ ކުރުނުވާ ގޮތަކަށް ކަމަށް ސިވިލް ސާވިސްގެ އާ ގަވާއިދުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ހެދުމަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކުރެވިފައިވާ ހެދުމެއްކަމުގައި ވާންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

އަންހެން މުވައްޒަފުންގެ ފަޓުލޫނު ނުވަތަ ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗެހި ކަމުގައި ވާންވާނެ ކަމަށް ސިވިލް ސާވިސްގެ އާ ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

މީގެ އިތުރުން ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފުނުވާ ގޮތަށް ކަރުވަޅު ނިވައިވާ ގޮތަށް ކަމަށް ސިވިލް ސާވިސްގެ އާ އިސްލާހުގައި ވަނީ ބަޔަންކޮށްފަ އެވެ. އަދިހަމަ އެހެންމެ، އަތްކުރު ހެދުމެއް ނަމަ އަތް ހުންނަންވާނ،ީ އެ މީހެއްގެ ކޮނޑުހުޅާއި އުޅަބޮށްޓާ ދެމެދަށް ވުރެ ކުރުނުވާވަރަށް ކަމަށާއި، އަތްދިގު ހެދުމެއް ނަމަ ހެދުމުގެ އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށް ވުރެ ދިގުނުވާ ވަރަށެށް ކަމަށްވެސް އާ ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

ސިވިލް ސާވިސްގެ އާ ގަވާއިދުގައިވާ ގޮތުން، އަންހެން މުވައްޒަފުން ލާ ހެދުމުގެ މަތީބައ،ި ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅާފައި ހުންނަ ނަމަ، ފަޅައިފައި ހުންނަބައި ހުންނަންވާނީ، މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށެވެ. މިފަދަ ހެދުމުގެ ދިގުމިން ހުންނަންވާނ،ީ ބުޑުގެ ތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށް ވުރެ ހެދުން ކުރުނުވާ ވަރަށް ކަމަށާއި އަދި ހެދުމުގެ ފޮތި ވާންވާނީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކަށް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހެދުން އެޅުމުގެ އުސޫލަށް އިސްލާހުތަކެއް ގެނެސްފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން ހުޅުމާލޭ ފުރުތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުއިއްޒު ވަނީ ސިވިލް ސާވަންޓުން ހެދުން އެޅުމުގައި އަހްލާގީ މިންގަނޑަށް ވުރެ ދަށްވެފައިވާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން ލިބެމުންދާތީ އެކަން ރަނގަޅުކުރުމަށް އަންގަވާފައިވާ ކަަމަށް ވިދާޅުވެފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%