ކުރީގެ ފިރިމީހާ މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލާފައިވާ ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް އިއްވުމަށް މި މަހުގެ 13 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ނަޒާހާ، އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު މަރާލި މައްސަލައިގައި 25 އަހަރަށް ޖަލަށްލުމަށް 2011 ވަނަ އަހަރު ޖިނާއީ ކޯޓުން ޙުކުމްކުރިއެވެ. މި ހުކުމް އިސްތިއުނާފު ކުރުމުން 2015 ވަނަ އަހަރު ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާޢީދު ކޮށްފައެވެ.
ނަޒާހާގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅިއިރު، މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. .
މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި އިތުރު ހަތަރު ފަނޑިޔާރުންނެވެ. ނަޒާހާ ކުރިން ކޯޓުގައި ބުނެފައިވަނީ ޝާހިދު މަރާލީ ގެވެށި އަނިޔާއިން ސަލާމަތްވުމަށް އަމިއްލަ ދިފާޢުގައި ދިން ހަމަލާއަކުން ކަމަށެވެ.









