އެއްވެސް މީހަކަށް ނޭނގި އޮޅުވާލައިގެން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނިދާނެކަމަށް ގަބޫލު ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ފަޒީލް ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕިއެންސީ) އިން ކުރިއަށް ގެންދިޔަ މެމްބަރޝިޕް ޑްރައިވްގައި އޮޅުވާލައިގެން ސައްހަ ނޫން ފޯމުތައް ހުށަހެޅިކަމުގެ ތުހުމަތުތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން، ޕްރައިވެޓް ޗެނަލެއްގައި ފަޒީލް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަންނަވާ ތާއީދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ސައްހަ ނޫން ފޯމުތަކުގެ ތުހުމަތަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ. އަދި ޕީޕީއެމްގެ މެމްބަރޝިޕް ޑްރައިވް ކުރިއަށް ގެންދިޔައީ ވަކި އަމާޒަކާއި އެކު ކަމަށާއި، މިހާތަނަށް ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން މުޅި ރާއްޖޭގައި އެފަދަ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.
"އެއްވެސް މީހަކަށް ނޭނގި ސިޔާސީ ޕާޓީއަކަށް ވެއްދޭނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ހަގީގަތަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޕާޓީއަކީ ޕީއެންސީ. ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް މަގުތަކަށް ނިކުމެ ހުރިހާ ރައްޔިތުންނާއި ވާހަކަދައްކައި ކުރި މަސައްކަތެއް މިއީ. ވަރަށް ބޮޑު މެމްބަރޝިޕް ޑްރައިވެއް ދިޔަ. އެހެންވީމާ އެއްވެސް ޕާޓީއަކުން ކުރި މަސައްކަތެއް ނޫން އެއީ. އެވަރުގެ މަސައްކަތެއް ކުރާއިރު ގޯހެއް އޮވެދާނެ," ފަޒީލް ވިދާޅުވިއެވެ.
ފަޒީލް އިތުރަށް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގެ ރެޖިސްޓްރީ އަށް މެމްބަރޝިޕް ފޯމެއް ލިބުމާއެކު އެ މީހެއްގެ ފޯނަށް މެސެޖެއް ދާނެ ކަމަށާއި، އެހެންކަމުން ނޭނގި ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެއެވެ.









