ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުން ހިންގި 15 މަސްދުވަހުގެ ޖަރީމާ ގައި 61،000 އަށްވުރެ ގިނަ ފަލަސްޠީނުން ޝަހީދުވެ 38000 ކުޑަކުދިން ޔަތީމު ވެއްޖެ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ހާމަކޮށްފިއެވެ.
ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުގެ ވެރިޔާ ސަލާމާ މަޢުރޫފް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، 47،487 ހަށިގަނޑު ހޮސްޕިޓަލްތަކަށް ގެންދެވުނު އިރު، 14،222 މީހުން އަދިވެސް ވަނީ ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ތެރޭގައި ގެއްލިފައެވެ.
މި ހަމަލާތަކުގައި 17،881 ކުޑަކުދިން ޝަހީދުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 214 ކުދިންނަކީ އަލަށް އުފަންވި ކުދިން ކަމަށް ސަލާމާ މަޢުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން، މަދުވެގެން 1،155 ސިއްޙީ މުވައްޒަފުންނާއި، 205 ނޫސްވެރިންނާއި، 194 ސިވިލް ޑިފެންސް މަސައްކަތްތެރިން ވެސް މި ހަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށާއި، 450،000 އަށްވުރެ ގިނަ ގެދޮރަށް ގެއްލުން ލިބިފައިވާ ކަމަށް ސަލާމާ މަޢުރޫފް ވިދާޅުވިއެވެ.
19 ޖަނަވަރީގައި ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ފެށުމާއި ގުޅިގެން ދެފަރާތުން ވަނީ އަސީރުން މިނިވަންކޮށްފައެވެ.
ޣައްޒާގައި ހިންގި މި ބޮޑެތި ޖަރީމާތަކާއި ގުޅިގެން ނޮވެމްބަރު 2023 ގައި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާއި ދެކޮޅު ކުށްތަކަށް ހައްޔަރުކުރުމުގެ އަމުރެއް ވެސް ނެރެފައިވެއެވެ. ނަމަވެސް ހުޅަނގުގެ ބައެއް ޤައުމުތަކުން ވަނީ އެ އަމުރަށް ބޯ ނުލަނބާނެ ކަމަށް ބުނެފައެވެ.









