27 އަހަރުތެރޭގައި ޤައުމީ މަސް ކުންފުނި، މިފްކޯއިން އެއްމަހެއްގައި އެންމެ ގިނައިން މަސް ގަތުމުގެ ރެކޯޑެއް ހުސްވި ޖެނުއަރީ މަހު ހަދައިފިއެވެ.
މިދިޔަ ޖެނުއަރީ މަހު އެ ކުންފުނިން ވަނީ 8،324 ޓަނުގެ މަސް ކިރުވާފައެވެ.
މިފްކޯއިން ބުނީ މިއީ އެއް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ކިރުވުމުގެ ރެކޯޑް އެ ކުންފުނިން ގާއިމްކުރި ފަހަރު ކަމަށެވެ.
މިފްކޯއިން މިއަދު ބުނީ އެއީ 1997 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް ޖެނުއަރީމަހު އެންމެ ގިނައިން އެ ކުންފުންޏަށް މަސް ކިރުވި ފަހަރު ކަމަށެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ، މިފްކޯއާއި މި ސަރުކާރު ޙަވާލުވިއިރު އެ ކުންފުނި ވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފައެވެ. ނަމަވެސް ސަރުކާރުން ގެނައި ބަދަލުތަކާއެކު، މިއަދު މިފްކޯއިން އެދަނީ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުންނެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ވެސް މެއެވެ.
މިފްކޯއިން ދަނީ މިދިޔަ އަހަރުން ފެށިގެން ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ. މިކަން ބަރާބަރަށް ތަންފީޛު ކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވަނީ ފަށައިފަ އެވެ.









