ރާއްޖޭގެ އުފާވެރިކަން މިންކުރުމަށް އެކުލަވައިލާ "ހެޕިނަސް އިންޑެކްސް" ތަންފީޒު ކުރެވިގެން ދާނީ ކައުންސިލްތަކާއި ގުޅިގެން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އިއްޔެ ސަލްޓަން ޕާކުގައި ބޭއްވި "ހެޕިނަސް އިންޑެކްސް" އިފްތިތާހުކުރުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި އިންޑެކްސް ތަންފީޛު ކުރުމަށްޓަކައި ކައުންސިލްތައް އަހުލުވެރި ކުރުމުގެ މަސައްކަތްތައް އެ ވުޒާރާއިން ކުރިއަށް ގެންދާނެ ކަމަށެވެ.
"ހެޕިނެސް އިންޑެކްސްގެ ދަށުން ކުރިއެރުން ހޯދާ ރަށްތަކަށް އެވޯޑް ދެވޭނެ ގޮތްތަކެއް ވުމަކީ މުހިއްމު ކަމެއް،" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މި ހަފުލާ ޝަރަފްވެރިކޮށްދެއްވީ މެޑަމް ސާޖިދާ މުހައްމަދެވެ.
މި އިންޑެކްސްގެ ރިސާޗް ޕާޓްނަރަކީ ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީކަން ފާހަގަކޮށްލެވެއެވެ.
ފާއިތުވި އަހަރު، ހެޕިނަސް އިންޑެކްސް އާއި ގުޅޭގޮތުން ތިން މަސައްކަތު ބައްދަލުވުމެއް ސިޓީތަކާއި ބެހޭ ވުޒާރާއާއި، އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން ބާއްވާފައި ވެއެވެ.
ރާއްޖޭގެ އުފާވެރިކަން މިންކުރުމަށް މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ވަޒީރު އާދަމް ޝަރީފު އުމަރު އިސްނަންގަވައިގެން އެ ވުޒާރާއިން ކުރައްވަމުން އަންނަ މަސައްކަތެއްކަން ފާހަގަކުރެވެއެވެ.









